އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ބަލިކޮށްފި އެވެ.
ރޭގެ މެޗުގައި ޗެލްސީއަށް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މެޗު ފަށަން ގާތްވެފައިވަނިކޮށް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ކޯލް ޕާމާ އަށް އަނިޔާވެ، މެޗުގައި ނުކުޅެވޭ ގޮތް ވުމެވެ. ނަމަވެސް، އޭނާގެ ބަދަލުގައި ކުޅެން ނިކުތް ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ، އެސްޓެވާއޯ ވިލިއަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓުގައި ލޫކަސް ޕަކޭޓާ ވަނީ ލަނޑެއް ޖަހައި ވެސްޓް ހޭމް އަށް ކުރިހޯދަދީފަ އެވެ.
ވެސްޓް ހޭމް އިން މެޗުގެ ފެށުން ރަނގަޅު ކުރިނަމަވެސް، ޗެލްސީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. އެގޮތުން، މެޗުގެ 15 ވަނަ މިނެޓުގައި ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ އަށް މިނެޓު ފަހުން ޕެޑްރޯ ނެޓޯ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި މޮއިސެސް ކައިސޭޑޯ ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިއާއެކު، ވެސްޓް ހޭމް އަށް މެޗަށް އަނބުރާ ވަނުމުގެ ފުރުސަތު ވަނީ ބޮޑުތަނުން ހަނި ވެފަ އެވެ.
ކައިސޭޑޯ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޗަލޯބާ ވަނީ ޗެލްސީއަށް އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި ސީޒަނުގައި ދެ މެޗު ކުޅުނުއިރު ޗެލްސީއަށް ވަނީ ހަތަރު ޕޮއިންޓު ލިބިފަ އެވެ. ވެސްޓް ހޭމް ވަނީ ދެ މެޗުންވެސް ބަލިވެފަ އެވެ.