އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުވަގުތު ގަބްރިއެލް މާޓިނެލީ ޖެހި ލަނޑާއެކު އާސެނަލް އިން މެންޗެސްޓާ ސިޓީ ކައިރިން 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ސިޓީން ކުރި ކައުންޓަ އެޓޭކެއްގައި އާލިން ހާލަންޑް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ.
ރޭގެ މެޗުގައިވެސް ސިޓީގެ މެދުތެރެއަށް ކުޅުނީ މާޓިން ޒުބިމެންޑީ އާއި ޑެކްލަން ރައިސްގެ އިތުރުން މިކޭލް މެރީނޯ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާއިރު، އެ ޓީމުގެ ދަށް ކުޅުމާމެދު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ދެވަނަ ހާފު ފެށުނުއިރު އާސެނަލް އިން ވަނީ އެބެރެޗީ އެޒޭ އާއި ބުކާޔޯ ސަކާ ކުޅެން ނެރެފަ އެވެ. މިއީ ފަލަމަސްގަނޑަށް އަނިޔާވި ފަހުން ސަކާ ކުޅުނު ފުރަތަމަ މެޗެވެ. މި ބަދަލުތަކާއެކު އާސެނަލް އިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ސިޓީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން، ޒުބިމެންޑީ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި މަތިން ބޭރަށް ދިޔައިރު، އެޒޭ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
އާސެނަލް އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. ބަދަލަކަށް ކުޅެން އެރި މާޓިނެލީ ވަނީ ލަނޑު ޖަހައި އާސެނަލް އަށް ޕޮއިންޓެއް ހޯދަދީފަ އެވެ. މިއީ ބަދަލަކަށް ކުޅެން އަރައި، މާޓިނޭލީ މޮޅު ކުޅުމެއް ދެއްކި ދެވަނަ މެޗެވެ. މިދިޔަ ހަފުތާގައި އެތުލެތިކް ބިލްބާއޯ އާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައިވެސް މާޓިނެލީ ވަނީ އެއް ލަނޑު ޖަހައި، ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އާސެނަލް މިވަގުތު އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. ހަތް ޕޮއިންޓާއެކު ސިޓީ އޮތީ ނުވަ ވަނައިގަ އެވެ.