ބްރައިޓަން އަތްދަށުވެ، ސިޓީއަށް ޖެހިޖެހިގެން ދެވަނަ ބަލި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި ސިޓީން ތަފާތު ބޮޑު ނަތީޖާއަކުން ވޮލްވްސް ބަލިކުރިނަމަވެސް، ދެވަނަ މެޗުގައި ޓޮޓެންހަމް އަތުން ވަނީ ބަލިވެފައެވެ. ރޭ ބްރައިޓަން ކައިރިން ބަލިވުމާއެކު، އެ ޓީމު ވަނީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެފައެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހައި ސިޓީއަށް ކުރިހޯދަދީފައެވެ. ސިޓީއަށް ކުޅުނު 100 މެޗުން ހާލަންޑް ވަނީ 88 ލަނޑު ޖަހާފައެވެ.

މި މެޗުގައި ހާލަންޑް ލަނޑު ޖެހި ނަމަވެސް، އޭނާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރު ވެފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނެޓުގައި ސިޓީގެ އޭރިއާ ތެރެއިން މަތެއުސް ނޫނޭސްގެ އަތުގައި ބޯޅައިން ޖެހުމުން ބްރައިޓަން އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ސިޓީގެ ކުރީގެ ކުޅުންތެރިޔާ، ޖޭމްސް މިލްނާ ވެފައިވަނީ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ދެވަނައަށް އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ޓެޑީ ޝެރިންގަމް އެވެ. އޭނާ އެންމެ ފަހު ލަނޑު ޖެހިއިރު އުމުރަނީ 39 އަހަރާއި 239 ދުވަހެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ބްރައިޓަން މޮޅުވި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރަޖާން ގްރޫޑާ އެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި ބްރައިޓަން އޮތީ 11 ވަނައިގައެވެ.

 

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ