އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އުމުރުން 16 އަހަރުގެ ރިއޯ އެންގުމޯހޯ ފަހުވަގުތު ޖެހި ލަނޑާއެކު ލިވަޕޫލުން 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން، މެޗުގެ 35 ވަނަ މިނެޓުގައި ރަޔާން ގްރަވެންބާކް ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ކުރިހޯދައީފައެވެ.
ނިއުކާސަލް އަށް އިތުރު މައްސަލަތައް ދިމާވީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ އެންތޮނީ ގޯޑަން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ގޯޑަން އަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެނެވެ.
ދެވަނަ ހާފު ފެށިގެން 30 ސިކުންތު ތެރޭގައި ހޫގޯ އެކިޓޭކޭ ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދީފައެވެ. އެކިޓޭކޭ ވަނީ ލިވަޕޫލަށް ބަދަލުވި ފަހުން ކުޅުނު ރަސްމީ ތިން މެޗުން ތިން ލަނޑު ޖަހާފައެވެ.
10 ކުޅުންތެރިންނާއެކު ދެވަނަ ހާފު ކުޅުނު ނިއުކާސަލް އަށް އުއްމީދެއް ލިބުނީ މެޗުގެ 57 ވަނަ މިނެޓުގައި ބްރޫނޯ ގުއިމަރޭސް ޖެހި ލަނޑާއެކުއެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބަދަލަކަށް ކުޅެން ނިކުތް ވިލިއަމް އޮސޫލާ ވަނީ ލަނޑު ޖަހައި ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ލިވަޕޫލް މޮޅުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް އެންގުމޯހޯ އެވެ. މިއާއެކު، އޭނާ ވެފައިވަނީ ލިވަޕޫލަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. އަދި އޭނާ އަކީ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ހަތަރުވަނަ އަށް ހަގު ކުޅުންތެރިޔާއެވެ.