ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، ކްރިސްޓަލް ޕެލަސް އިން ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ޗެމްޕިއަން ޕެލަސް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޕެލަސް އިން މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރިހޯދައިގެނެވެ.
ޕެލަސްގެ ތާރީހުގައި އެ ޓީމުން އެންމެ ފުރަތަމަ ތަށި ހޯދީ މިއަހަރު އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހުއެވެ. އޭގެ ތިން މަސް ފަހުން އެ ޓީމުން މިވަނީ ދެވަނަ ތަށި ކާމިޔާބުކޮށްފައެވެ.
ވެމްބްލީ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ހޫގޯ އެކިޓޭކޭ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. މި ދެ ކުޅުންތެރިންނަކީވެސް މި ހޫނުމޫސުމުގައި ލިވަޕޫލާ ގުޅުނު ދެ ކުޅުންތެރިންނެވެ.
ލިވަޕޫލުން ކުރިހޯދިތާ 13 މިނެޓު ފަހުން އެ ޓީމުގެ އޭރިއާ ތެރެއިން އިސްމާއިލާ ސާ އަށް ވާޖިލް ވެން ޑައިކް ކުރި ފައުލަކާ ގުޅިގެން ޕެލަސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ޖީން ފިލިޕް މަޓެޓާ ވަނީ ޕެލަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޕެލަސް އިން ނަތީޖާ ހަމަހަމަ ކުރިނަމަވެސް، ލިވަޕޫލުން ވަނީ އޭގެ ހަތަރު މިނެޓު ފަހުން ލަނޑެއް ޖަހައި އަލުން ކުރިހޯދަދީފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މި ހޫނުމޫސުމުގައި އެ ޓީމާ ގުޅުނު ޖެރެމީ ފްރިމްޕޮންގް އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެކިޓޭކޭ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެފަހުން، ޕެލަސްގެ ސާ އަށްވެސް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 77 ވަނަ މިނެތުގައި ޕެލަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާ އެވެ. މިއާއެކު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ.
ޕެނަލްޓީގައި ޕެލަސް އިން ތަފާތު ދެއްކީ ކީޕަރު ޑީން ހެންޑަސަން އެވެ. އޭނާ ވަނީ ލިވަޕޫލްގެ ދެ ޕެނަލްޓީ ދިފާއުކޮށްފައެވެ. ޕެލަސްގެ މަޓެޓާ، ސާ އަދި ޖަސްޓިން ޑެވެނީ ޕެނަލްޓީ ކާމިޔާބުކުރިއިރު، އެބެރެޗީ އެޒޭ އާއި ބޯނާ ސޯސާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ލިވަޕޫލުން ޕެނަލްޓީ ކާމިޔާބު ކުރެވުނީ ކޯޑީ ގަކްޕޯ އާއި ޑޮމިނިކް ސޮބޮސްލައި އަށެވެ. މުހައްމަދު ސަލާހު، އެލެކްސިސް މެކް އަލިސްޓާ އަދި ހާވީ އެލިއޮޓްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ކޮމިޔުނިޓީ ޝީލްޑް މެޗަކީ އިނގިރޭސި އައު ސީޒަން ފެށުމުގެ ގޮތުން ކުޅޭ މެޗެވެ. ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
