މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން އެ ޓީމުގެ ޑިފެންޑަރު، ޓްރެންޓް އެލެކްސަންޑާ އާނޯލްޑް ނިންމައިފިއެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ، އޭނާގެ އުމުރުން ހަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ހޭދަކުރީ ލިވަޕޫލްގައެވެ. އަންނަ މަހުގެ 30 ވަނަ ދުވަހު އޭނާގެ އެއްބަސްވުން ހަމަވާއިރު، އޭނާ ރެއާލް މެޑްރިޑަށް ބަދަލުވުން ގާތް ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.
ސޯޝަލް މީޑިއަގައި ހިއްސާކުރި ވީޑިއޯއެއްގައި އާނޯލްޑް ބުނީ، 20 އަހަރު ކްލަބުގައި ހޭދަކުރުމަށްފަހު، އޭނާ ކްލަބް ދޫކޮށްލަން ނިންމި ކަމަށެވެ. އޭނާ އިތުރަށް ބުނީ، މިއީ އޭނާގެ ހަޔާތުގައި އެންމެ އުނދަގު ނިންމުން ކަމަށެވެ.
އާނޯލްޑްގެ އިތުރުން މުހައްމަދު ސަލާހު އާއި ވާޖިލް ވެން ޑައިކްގެ އެއްބަސްވުން މިއަހަރު ހަމަވާން އޮތް އިރު، ސަލާހު އާއި ވެން ޑައިކް ވަނީ ދާދި ފަހުން ކްލަބާއެކު އެއްބަސްވުން އައުކޮށްފައެވެ.
ލިވަޕޫލަށް އުފަން އާނޯލްޑް ވަނީ 2016 ވަނަ އަހަރު އެ ކްލަބާ ގުޅުމަށްފަހު، 352 މެޗު ކުޅެ، 23 ލަނޑު ޖަހާފައެވެ. އޭނާ ވަނީ އާނޭ ސްލޮޓުގެ އިރުޝާދާއެކު ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 2019-20 ގައި ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމުން ލީގު ކާމިޔާބުކުރި އިރުވެސް އާނޯލްޑަކީ މުހިންމު ކުޅުންތެރިއެކެވެ.
ލިވަޕޫލާއެކު އާނޯލްޑް ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި، 2018-19 ގެ ޗެމްޕިއަންސް ލީގާއި 2022 ގެ އެފްއޭ ކަޕް އަދި ދެ ލީގު ކަޕް ހިމެނެއެވެ.