ސްޕެނިޝް ލީގުގައި 3-2 ގެ ނަތީޖާއަކުުން ސެލްޓަ ވީގޯ ބަލިކޮށް، ރެއާލް މެޑްރިޑުން ބާސެލޯނާއަށް ރައްދު ދީފިއެވެ.
މިއަހަރުގެ ލީގު މިހާ ހިސާބަށް އައިއިރު ފޯރިގަދަ ވެފައިވާއިރު، ބާސެލޯނާއިން ވަނީ ރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ރެއާލް ވަޔަޑޮލިޑް ބަލިކޮށް، އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ނަމަވެސް، ރެއާލުން ވަނީ މިއަދު ސެލްޓަ ވީގޯ ބަލިކޮށް، ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓުގައި އާޑާ ގުލާ ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. އޭގެ ހަ މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހައި، ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ރެއާލުން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން، ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ރެއާލަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
ރެއާލުން ބޮޑު ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ 69 ވަނަ މިނެޓުގައި ހަވީ ރޮޑްރިގޭޒް ވަނީ ލަނޑެއް ޖަހައި ސެލްޓަ ވީގޯ އަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ވިލިއޮޓް ސްވެޑްބާގް ޖެހި ލަނޑުން، އެ ޓީމުން ވަނީ އެއް ލަނޑަށް ފަރަގު ކުޑަކޮށްފައެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ކާމިޔާބުވެފައެއް ނުވެއެވެ.
ލީގުގައި ކުރިޔަށް ދެން އޮންނާނީ ރެއާލް އާއި ބާސެލޯނާ ބައްދަލުކުރާ މެޗެވެ. މި މެޗު ކާމިޔަބުކޮށް، ރެއާލަށް އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ބާސެލޯނާއިން މެޗު ކާމިޔާބުކޮށްފިނަމަ، މިފަހަރުގެ ލީގު ކާމިޔާބުކުރުމާ ގާތަށް އެ ޓީމު ޖެހިލާނެއެވެ.


