މަރާމާތަށްފަހު ބާސެލޯނާގެ ރަސްމީ ދަނޑު، ނޯ ކޭމްޕުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ބާސެލޯނާގެ ރަސްމީ ދަނޑު މަރާމާތު ކުރުމަށް ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުއެވެ. ރޭގެ މެޗަށް ބާސެލޯނާއިން އެނބުރި ރަސްމީ ދަނޑަށް ދިޔަ ނަމަވެސް، ސްޓޭޑިއަމްގެ ބޮޑު ބައެއް އޮތީ ބަންދުކޮށްފައެވެ. މިއާއެކު، ރޭގެ މެޗު ކުޅުނީ 45،157 ސަޕޯޓަރުން ކުރިމަތީގައެވެ. މަސައްކަތް ނިމުމާއެކު 105،000 ސަޕޯޓަރުންނަށް ވަދެވޭ ވަރަށް ޖާގަ އިތުރުވާނެއެވެ.
ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ފެރަން ޓޮރޭސް ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ފަމިން ލޮޕޭޒް ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ތިން ލަނޑުގެ ލީޑެެއް ހޯދަދީފައެވެ. ތިން ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތް ބިލްބާއޯ އަށް އިތުރު މައްސަލައަކަށްވީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ އޮއިހާން ސަންކޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ފާމިން ލޮޕޭޒް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެނެވެ.
މެޗުގެ ފަހު މިނެޓުގައި ޔަމާލް ދިން ބޯޅައަކުން ޓޮރޭސް ވަނީ އިތުރު ލަނޑެއް ބާސެލޯނާއަށް ހަތަރު ލަނޑުގެ ލީޑެއް ހޯދަދީފައެވެ. މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ރެއާލް މިރޭ ނިކުންނާނީ އެލްޗޭ އާ ދެކޮޅަށެވެ.
