ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ އަތުން ބަލިވެ، ރެއާލް މެޑްރިޑާއި ކޯޗު ޒަބީ އަލޮންސޯއަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ރޭގެ މެޗުން ބަލިވުމާއެކު، ބާސެލޯނާއިން ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. ބާސެލޯނާއަށް 40 ޕޮއިންޓު ލިބިފައިވާއިރު ރެއާލަށް ލިބުނީ 36 ޕޮއިންޓެވެ. ރެއާލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ވިލިއަޓް ސްވެޑްބާގު ވަނީ ލަނޑެއް ޖަހައި ސެލްޓައަށް ކުރިހޯދަދީފަ އެވެ. އެއީ ސީޒަނުގައި ސްވެޑްބާގު ޖެހި ފުރަތަމަ ލަނޑެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލުން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 64 ވަނަ މިނެޓުގައި ފްރޭން ގާސިއާ އަށް ގާތްގާތުގައި ދެ ރީންދޫ ކާޑު ދައްކައި ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު ރެއާލުން ދެވަނަ ހާފުގެ ބޮޑު ބައެއް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ރެއާލްގެ ހާލަތު ގޯހުން ގޯހަށް ދިޔައީ މެޗުގެ އިތުރު ވަގުތުގައި ހިނގި ހަމަނުޖެހުމެއްގައި ރެއާލްގެ އަލްވާރޯ ކަރޭރާސް އަށްވެސް ދެ ރީންދޫ ކާޑު ދައްކައި ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކު ރެއާލުން މެޗު ނިންމާލަން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެވެ. އޭގެ ފައިދާ ނަގައި، ސެލްޓަ އިން ވަނީ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ދެވަނަ ލަނޑުވެސް ޖެހީ ސްވެޑްބާގެވެ.
ރެއާލަށް ކުރިއަށް ދެން އޮތީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗެވެ.



