ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށްފިއެވެ.
މިއީ 39 އަހަރު ތެރޭ ރަށުން ބޭރުގައި، ޖަރުމަނަށް އިޓަލީ އަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ވަނީ ލަނޑެއް ޖަހައި އިޓަލީއަށް ކުރިހޯދަދީފައެވެ. އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިއުކާސަލް އިން ލިވަޕޫލް ބަލިކޮށް، ލީގު ކަޕު ކާމިޔާބުކުރިއިރުވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ކުރީކޮޅު އިޓަލީއިން ލީޑު ނެގުމާއެކު ޖަރުމަނުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި ލެއޯން ގޮރެޓްޒްކާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބިފައެވެ.
ޖަރުމަނުން މެޗުގެ ނަތީޖާ ބަދަލުކޮށްލީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޓިމް ކްލެއިންޑެއިންސްޓް ވަނީ ލަނޑު ޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ ދެވަނަ ހާފުގައި ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެޗު ނިމެން 14 މިނެޓަށް ވެފައިވަނިކޮށް ޖޯޝުއާ ކިމިކް ނަގައިދިން ހުރަހަކުން ޖަރުމަނު މޮޅުކޮށްދިނީ ގޮރެޓްޒްކާ އެވެ. މިއާއެކު، އެ ޓީމުން ވަނީ އިޓަލީ އަތުން ހަނި މޮޅެއް ހޯދާފައެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ޑޯޓްމަންޑުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
