ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އިއްޔެ ހަވީރު ޕެނަލްޓީ ޖަހައިގެން ތޮއްޑޫ ބަލިކުރުމަށްފަހު، މަތިވެރިން ތިންވަނަ ފަހަރަށް އއ.އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މަތިވެރިއަކީ މިދިޔަ އަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަނުންނެވެ. އިއްޔެ ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ ތަށި ދިފާއުކޮށްފައެވެ. މީގެއިތުރުން، އެ ޓީމުން ވަނީ 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ތޮއްޑޫން ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިއާއެކު މަތިވެރި އާއި ތޮއްޑޫ ވަނީ ޒޯން ބުރަށް ކޮލިފައި ވެފައެވެ.
އިއްޔެ ހަވީރު ހުޅުމާލޭ ރެހެނދި ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ޕެނަލްޓީގައި މަތިވެރިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މަތިވެރި ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިސްމާއީލް ނަސީމް (ބޯވަ) އާއި އަރުޝަދު އަބްދުލް ލަތީފާއި އަލީ އަލްސަން އަދި އަހުމަދު ފިރާޝްއެވެ. ތޮއްޑޫ ޓީމުން ޕެނަލްޓީ ކާމިޔާބުކުރެވުނީ އަލީ އިޒްމީލް އަހުމަދާއި އިބްރާހީމް އުޝާމަތު އަށެވެ.
އއ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މަތިވެރި ޓީމުގެ އަލްސަން އެވެ.