ސިނގިރޭޓް ވައްކަމުގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މިއަދު ތިލަފުށީގައި ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތުލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ދެ ކޮންޓެއިނާ ސިނގިރޭޓު ވަގަށްނެގި މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

”މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ.“ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ:

  • އެޕޯލޯ ކުންފުނީގެ ވެރިޔާ – މުހައްމަދު ވަހީދު (ދިގަލި)
  • ލޮޓަސް ކުންފުނީގެ ވެރިޔާ – އަހުމަދު އާރިފް (އާއްޓޭ)
  • ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް – މުއާޒު އަލީ
  • ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް – ޒިވާރު އިސްމާއިލް

މީގެތެރެއިން ދިގަލިގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާއިރު ދެންތިބި މީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

ދިގަލި އަދި އާއްޓޭގެ ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަށް އެކަން ރޭވުމާއި މިކަން ހިންގުމަށް ފަންޑު ކުރިކަމުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

”މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ގަވައިދާއި ހިލާފަށް ވަގަށް ބޭރުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ. އަދި މިކަން ރޭވުމާއި މި އަމަލު ހިންގުމަށް ފަންޑު ކުރިމަމަށް މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި އެބަހުރި.“ ދިގަލި އަދި އާއްޓޭގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން މަނާކޮށްފައިވާއިރު ވެހިކަލްތަކަކާއި ބައެއް އިތުރު ތަންތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. އަދި މި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގަ އެވެ. މިއީ ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ސިނގިރޭޓްތަކުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ