ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ދަނޑުވެރިކަމާ ގުޅޭ ފެކަލްޓީއެއް ގާއިމުކޮށް އެ ފެކަލްޓީގެ އިމާރާތް ހިންގާނީ އއ. ތޮއްޑޫގައި ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހާއްސަ ރަށަކަށް ވާތީ ހަޔަ އެޑިއުކޭޝަންގެ ސިޔާސަތުގެ ތެރެއިން އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑްސް ސައިންސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ތޮއްޑޫގައި ގާއިމުކޮށް އެ ފެކަލްޓީ އެ ރަށުގައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްރޫގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ތޮއްޑޫގައި ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މިކަން ވެގެންދާނީ އެތަށް ގޮތަކުން ތޮއްޑޫއަށް ކުރިއެރުން ލިބޭނެ ރަށަކަށް. ތައުލީމީ ގޮތުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މިރަށަށް އައިސް އެ ދާއިރާއިން ތައުލީމް ހާސިލް ކުރުމާއި އަދި އޭގެ ތެރެއިން އަންނާނެ ސީދާ އަދި ނުސީދާ އެތަށް ފައިދާއެއް އޮންނާނެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މާގިނަ ދުވަހެއް ނުވެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ