ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. އެ މެޗުން 1-0 ގެ ނަތީޖާއަކުން އިންޓަ ބަލިކޮށް، ތަށި އުފުލާލާފައިވަނީ ސިޓީންނެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު، ދެ ޓީމުގެ ފަރާތުންވެސް ފެނުނީ މޮޅު ޑިފެންސިވް ކުޅުމެކެވެ.
މި މެޗުގައި އާލިން ހާލަންޑަށް ވަނީ ސިޓީއަށް 100 ވަނަ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް، އޭނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ސިޓީއަށް އިތުރު މައްސަލަތަކެއް ދިމާވީ، އަނިޔާގެ ސަބަބުން ކެޕްޓަން ކެވިން ޑި ބްރޭނާ ބަދަލުކުރަން ޖެހުމުންނެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފިލް ފޯޑެން އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، އިންޓަގެ ކީޕަރު ޔަން ސޮމާ ވަނީ ދިފާއުކޮށްފަ އެވެ. އަދި ސިޓީގެ ފުލްބެކް، ޖޮސްކޯ ގްވާޑިއޯލް ފޮނުވާލި ބޯޅަވެސް ސޮމާ ވަނީ ދިފާއުކޮށްފަ އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި 40 މެޗަށްފަހު، އަމިއްލަ ދަނޑުގައި ސިޓީއަށް ލަނޑެއް ނުޖެހުނު ފުރަތަމަ ފަހަރެވެ.
