ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އައިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް، ލިވަޕޫލް ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.
ލިވަޕޫލުން ވަރުގަދަކޮށް ސީޒަން ފެށި ނަމަވެސް، މި ފަހުން އެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދަށް ކުޅުމެކެވެ. އެގޮތުން، އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައެވެ. ރޭ ފްރޭންކްފާޓްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ލިވަޕޫލަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ.
ފްރޭންކްފާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ފްރޭންކްފާޓުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ލީޑްސްގެ ކުރީގެ ޑިފެންޑަރު، ރަސްމުސް ކްރިސްޓެންސެން އެވެ.
ފްރޭންކްފާޓުން ލީޑު ނެގި ނަމަވެސް، ލިވަޕޫލުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ހޫގޯ އެކިޓޭކޭ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ވާޖިލް ވެން ޑައިކް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިބްރާހިމާ ކޮނާޓޭ ޖެހި ލަނޑާއެކު ލިވަޕޫލުން ވަނީ ހާފު ނިމުމުގެ ކުރިން ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި ލިވަޕޫލުން އެލެކްސަންޑާ އިސާކް ހިމެނި ނަމަވެސް، ހާފު ގަޑީގައި ލިވަޕޫލުން ވަނީ އޭނާ ބަދަލުކޮށްފައެވެ. މެޗަށްފަހު ކޯޗު ބުނީ އޭނާ ބަދަލުކުރީ އަނިޔާގެ ސަބަބުން ކަމަށެވެ. މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑް ދޫކޮށް ލިވަޕޫލަށް ބަދަލުވި ފަހުން އިސާކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އެއީ މި ސީޒަނުގައި ގަކްޕޯ ޖެހި ހަތަރުވަނަ ލަނޑެވެ. އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާވެސް ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޑޮމިނިކް ސޮބޮސްލައި ވަނީ ލިވަޕޫލަށް ލަނޑު ޖަހައިދީފައެވެ.
ލިވަޕޫލަށް ތިން މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގައެވެ. ފްރޭންކްފާޓް އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ 22 ވަނައިގައެވެ.



