އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ޕީއެސްޖީގެ ޑިފެންޑަރު، އަޝްރަފް ހަކީމީ ހޯދައިފިއެވެ.
ރޭ ކުރިޔަށްދިޔަ ރަސްމިއްޔާތުގައި މޮރޮކޯގެ ހަކީމީ އަށް މި އެވޯޑު ލިބުނުއިރު، ދެވަނަ ލިބުނީ ލިވަޕޫލް އަދި އިޖިޕްޓުގެ ތަރި، މުހައްމަދު ސަލާހު އަށެވެ. އަދި ތިންވަނަ ލިބުނީ ނައިޖީރިއާ އަދި ގަލަތަސަރާއިގެ ވިކްޓާ އޮސިމްހެން އަށެވެ.
ހަކީމީ ބުނީ މި އެވޯޑު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ހަކީމީ ބުނީ އެއީ ހަމައެކަނި އޭނާއަށް ލިބުނު އެވޯޑެއް ނޫން ކަމަށާއި، އެއީ އޭނާއަށް އިތުބާރު ކުރި ހުރިހައިމީހުނަށް ލިބުނު އެވޯޑެއް ކަމަށެވެ.
މިދިޔަ ސީޒަނަކީ ހަކީމީގެ ކެރިއަރުގައި އެންމެ ކާމިޔާބު ސީޒަނެވެ. އެގޮތުން، ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގު ހިމެނޭހެން ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ.
މިދިޔަ މެއި މަހު ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ފައިނަލުގައި 5-0 ގެ ނަތީޖާއަކުން އިންޓަ މިލާން ބަލިކުރިއިރު، ހަކީމީ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން، މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ހަކީމީ އެވެ.
