ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖޫޑް ބެލިންހަމް ޖެހި ލަނޑާއެކު ރެއާލް މެޑްރިޑުން 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށްފި އެވެ.
ކޮނޑު ހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށްފަހު، ބެލިންހަމް އަށް ދަތި ދުވަސްތަކެއް ކުރިމަތިވެފައިވާއިރު، މި ސީޒަނުގައި މިހާތަނަށް ފުރަތަމަ 11 ގައި އޭނާ ކުޅެފައިވަނީ ތިން މެޗެވެ. ހަތަރު މެޗުގައި އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރޭގެ މެޗު ނުލައި، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބެލިންހަމް މިހާތަނަށް ކުޅެފައިވަނި އެންމެ 10 މިނެޓެވެ. އަދި ކްލަބް ވޯލްޑް ކަޕުގެ ފަހުން އޭނާ އަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޔުވެންޓަސް އިން ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް، ރެއާލްގެ ކީޕަރު، ތިބައޫ ކޯޓުއާ ވަނީ އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވާފަ އެވެ.
ޔުވެންޓަސް އިން ކުރީކޮޅު ހަމަލާތަކެއް ފޮނުވިނަމަވެސް، ފުރަތަމަ ހާފުގައިވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދީ ރެއާލުންނެވެ. އެގޮތުން، ފުރަތަމަ ހާފުގައި ރެއާލުން ވަނީ 14 ހަމަލާއެއް ގޯލަށް ފޮނުވާލާފަ އެވެ. ފުރަތަމަ ހާފުގައި ރެއާލުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކީލިއަން އެމްބާޕޭ އަށެވެ. ނަމަވެސް، އެމްބާޕޭ ފޮނުވާލި ބޯޅަ، ޔުވެންޓަސްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން، ޔުވެންޓަސް އިން ހެދި ކައުންޓަ އެޓޭކެއްގައި ޑޫސާން ވްލާހޮވިޗަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މުޅިން ހުސްކޮށް ހުރެ ވްލާހޮވިޗް ފޮނުވާލި ބޯޅަ ވެސް ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާގެ މޮޅު ކުޅުމަކާއެކު އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހުނު ނަމަވެސް، އެނބުރި ނިކުތް ބޯޅަ، ބެލިންހަމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އެއީ މި ސީޒަނުގައި ބެލިންހަމް ޖެހި ފުރަތަމަ ލަނޑެވެ.
މި މޮޅާއެކު ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގައި ހަދަމުން އަންނަ ރެކޯޑު ދަމަހައްޓާފަ އެވެ. ޖުމްލަ ނުވަ ޕޮއިންޓާއެކު ރެއާލް އޮތީ ފަސްވަނައިގަ އެވެ. އަދި ޔުވެންޓަސް އޮތީ ދެ ޕޮއިންޓާއެކު 25 ވަނައިގަ އެވެ.
