މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުން ޕޯޗުގަލްގެ މިހާރުގެ ޖީލު މޮޅުވުން ހައްގު ކަމަށް އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ރޮނާލްޑޯގެ އިތުރުން، ޕޯޗުގަލް ގައުމީ ޓީމުގައި މަތީ ފަންތީގެ މޮޅަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އާއި ޕީއެސްޖީގެ ވިޓާނިއާގެ އިތުރުން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ރުބެން ޑިއާސް ހިމެނެ އެވެ.
ރޮނާލްޑޯ ބުނީ ޕޯޗުގަލްގައި މިހާރު އޮތް ޓީމު މޮޅުވުން ހައްގު ކަމަށެވެ. އަދި، ސެމީ ފައިނަލަށް ވުރެ ކުރިޔަށް ޓީމު ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މިއަދު ޖަރުމަނުގައި ފަށާ ޔޫރޯ މުބާރާތަކީ ރޮނާލްޑޯގެ ހަ ވަނަ ޔޫރޯ މުބާރާތެވެ. މިއާއެކު، އެންމެ ގިނަ ޔޫރޯ ކުޅުނު ކުޅުންތެރިޔަކަށް ރޮނާލްޑޯ ވާނެ އެވެ. ރޮނާލްޑޯގެ އިތުރުނ،ް މިއަހަރުގެ ޓީމުގައި ހިމެނޭ ޕެޕޭ އާއި ރުއި ޕެޓްރީސިއޯ އަކީ 2016 ވަނަ އަހަރު ޕޯޗުގަލް އިން ތަށި އުފުލާލިއިރު، ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.
ރޮނާލްޑޯ ބުނީ، މިއީ އޭނާގެ ހަވަނަ ޔޫރޯ ކަމަށާއި އޭނާގެ އަޒުމަކީ މޮޅަށް ކުޅެ، ޓީމު މޮޅުކޮށްދިނުން ކަމަށެވެ. އޭނާ އިތުރަށް ބުނީ، މުބާރާތުގެ ފެށުން ރަނގަޅު ކުރުން މުހިންމު ކަމަށެވެ. އަދި، ރޮނާލޯޑޯ މިވަގުތު ހުރީ މުބާރާތައް ފުރިހަމަޔަށް ތައްޔާރަށް ކަމަށް ބުންޏެވެ.
މިއަހަރުގެ ޔޫރޯ އަކީ ކޯޗު ރޮބާޓޯ މާޓިނޭޒް އާއެކު ރޮނާލްޑޯ ކުޅޭ ފުރަތަމަ މުބާރާތެވެ. ފުރަތަމަ މެޗުގައި، މި މަހު 18 ވަނަ ދުވަހު ޕޯޗުގަލް ނިކުންނާނީ ޗެކް ރިޕަބްލިކް އާ ދެކޮޅަށެވެ. އެޔަށްފަހު، ގުރޫޕު ސްޓޭޖުގައި ދެން ޕޯޗުގަލް އަށް އޮންނާނީ ތުރުކީ އާއި ޖޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.
ޔޫރޯ މުބާރާތުގެ ކުރިން ޕޯޗުގަލް އިން ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފަ އެވެ. އެއާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ޖުމްލަ 130 ގޯލު ހަމަކޮށްފަ އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރޯ ފުޓުބޯޅަ މުބާރާތް ޕޯޗުގަލް ގައުމީ ޓީމް



