ޕޯޗުގަލްގެ 15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑީގެ ދޮށީ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ހިމަނައިފިއެވެ.
އުމުރުން 14 އަހަރުގެ ކުޅުންތެރިޔާ ވަނީ 2022 ވަނަ އަހަރު، އޭނާގެ ބައްޕަ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވެފައެވެ.
ޕޯޗުގަލްގެ ޒުވާން ޓީމުގައި ކްރިސްޓިއާނޯ ޖޫނިއާ ހިމަނާފައިވަނީ މި މަހު 13 އިން 18 ގެ ނިޔަލަށް ކްރޮއޭޝިއާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތަކާ ދިމާކޮށެވެ. މި މުބާރާތުގައި ޕޯޗުގަލް އިން ޖަޕާން، ގްރީސް އަދި އިންގްލެންޑާ ދެކޮޅަށް ކުޅޭނެއެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް، ގައުމީ ޓީމަށް 136 ލަނޑު ޖަހައި، ދުނިޔޭގެ ރެކޯޑު ހަދާފައެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލް އާއެކު އެންމެ ފުރަތަމަ ހޯދި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަމެވެ. އޭގެފަހުން، 2019 ވަނަ އަހަރު އޭނާ ވަނީ ޕޯޗުގަލް އާއެކު ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.


