ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުންދޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކަމުގައިވާ ބެލެންޑިއޯ ހައްގީ ރެއާލް މެޑްރިޑުގެ ތަރި، ވިނީޝިއުސް ޖޫނިއާއަށް ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ހުކުރު ދުވަހު ކުރިޔަށްދިޔަ ގްލޯބް ސޮކާ އެވޯޑްސްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، މެންޗެސްޓާ ސިޓީގެ ރޮޑްރީއަށް ވުރެ އެވޯޑު ލިބުން ހައްގީ ވިނީޝިއުސްއަށް ކަމަށެވެ. ވިނީޝިއުސް އާއި ރެއާލް މެޑްރިޑުގެ ކުޅުންތެރިން ވަނީ މިއަހަރުގެ ހަފުލާ ބޮއިކޮޓް ކޮށްފައެވެ.
ރޮނާލްޑޯ ބުނީ، ވިނީޝިއުސްއަށް ބެލެންޑިއޯ ނުދޭން ނިންމުން އެއީ އިންސާފުވެރިކޮށް ނިންމި ނިންމުމެއް ނޫންކަމަށެވެ. އަދި ރޮޑްރީ އަކީވެސް މޮޅު ކުޅުންތެރިއެއް ކަމަށް ބުނުމަށްފަހު ރޮނާލްޑޯ ބުނީ، އެވޯޑު ލިބުން ބޮޑަށް ހައްގު ވަނީ ވިނީޝިއުސްއަށް ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑު ޖަހައި، ރެއާލް އާއެކު އެ މުބާރާތް ކާމިޔާބުކުރުމުން ކަމަށް ބުންޏެވެ.
ވިނީޝިއުސްއަށް ވަނީ ދާދި ފަހުން ފީފާ ބެސްޓް އެވޯޑް ލިބިފައެވެ. އަދި ހުކުރު ދުވަހު އޭނާއަށް ވަނީ ގްލޯބް ސޮކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައެވެ.
ހުކުރު ދުވަހު ކުރިޔަށްދިޔަ ހަފުލާގައި ރޮނާލްޑޯއަށް ވަނީ މިޑިލް އީސްޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފައެވެ. އޭނާ ވަނީ އަލް ނަސްރަށް ކުޅުނު 83 މެޗުން 74 ލަނޑު ޖަހާފައެވެ.