ކ. ކާށިދޫގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތަރައްޤީގެ މުހިންމު ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއުތަކަކީ ރަށުގެ އިޖުތިމާޢީ، ސިއްޙީ އަދި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ފަށާފައިވާ މަސައްކަތްތަކެކެވެ.
އަމަލީ ގޮތުން މަސައްކަތް ފެށުނު މަޝްރޫއުތަކުގެ ތެރޭގައި ކާށިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތާއި، ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. މި މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވީވެސް ރައީސް ޑރ. މުއިއްޒުއެވެ.
މި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސަރުކާރުގެ އިސްވެރިންނެވެ. ރިހެބިލިޓޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ. އަދި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ފިޓްނަސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ އަބްދުﷲ ނާޒިމް އެވެ.
މި ރަސްމިއްޔާތުތަކުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މަޝްރޫއުތައް ފެށުމަށްފަހު، ރައީސް މުއިއްޒު ވަނީ އެ ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)، މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫ އެމްއޭސީއެލް
