ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ބޭންކުގެ ފައިސާ ހުރި ދެ ބްރިފްކޭހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ފޭރިގަތް މައްސަލައިގައި ހައްޔަރު ކުރި 4 މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުންނާއި އެ މީހުން ބޭނުން ކުރިކަމަށް ބުނާ ލޯންޗް ފުލުހުން އަތުލައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. މި މައްސަލައިގައި ހައްޔަރު ކުރި 4 މީހުންގެ ވަނަވަރުވެސް ފުލުހުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
ޑޮލަރުތައް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރޭޝަމް، ލ. މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، މާލެ، އަހުމަދު ރައިހާން ނައީމް (20އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، އިބްރާހިމް އަނޫފް (24އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، ހުސައިން ޝަހުދު އެވެ.
މި 4 މިހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތަހުގީގު ކުރިއަށް ދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތެއް ހާމަކުރަމުން ދާނެ ކަމަށެވެ.
ބީއެމްއެލްގެ ޑޮލަރުތައް އެއާޕޯޓުން ފޭރިގަނެފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން މި ފައިސާ ފޭރިގަނެފައިވަނީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އެނގިފައިވާގޮތުގައި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހު އެވެ.
ބީއެމްއެލް ވައްކަމާއި ފޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް
