ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އަޒަރްބައިޖާންގެ ގައުމީ އެއާލައިން, އަޒަރްބައިޖާން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ، ޓާމިނަލް 1 އިން އަޒަރްބައިޖާން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ.
އެގޮތުން މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދީފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދީފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, J2301 އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އަޒަރްބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024 ގައެވެ.
މިއާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 16 އަށް އިތުރުވެފަ އެވެ.
