ދިވެހިރާއްޖޭގެ މިނިވަންކަން: އަގުހުރި ތަރިކައެއް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ މިނިވަންކަމަކީ އެތަށް ބައެއްގެ ބުރަ މަސައްކަތުން ރާއްޖެއަށް ލިބުނު މިނިވަން ކަމެކެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުމުގެ ކުރިން 2 ފަހަރެއްގެ މަތިން ރާއްޖޭގެ މިނިވަންކަން ގެއްލުނު އިރު މިނިވަންކަން ހޯދައިދިނުމަށް އެތަށް ދިވެއްސަކު ފުރާނައިން ގުރުބާންވި އެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް އިނގިރޭސީން ބާރު ފޯރުވަން ފެށުމުން ދިވެހިންނަށް އެކަންވީ ބަލައިގަނެވޭނެ ކަމަކަށް ނޫނެވެ. އެފަދަ ހިމާޔަތެއް ބޭނުން ނުވާކަމަށް ބުނެ މީގެ 60 އަހަރު ކުރިން ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދީފަ އެވެ.

ރާއްޖޭގައި މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 އެވެ. އެ ދުވަހަކީ އިނގިރޭސީންގެ އިސްތިއުމާރުން ރާއްޖެ ސަލާމަތްވެ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި ދުނިޔެއިން ރާއްޖެ ބަލައިގަތް ދުވަހެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު ރާއްޖޭން އެހެން އެއްވެސް ގައުމަކާއެކު ހާރިޖީ ގުޅުން ގާއިމު ކުރުމަށް ފުރުސަތު ދީފައެއް ނުވެ އެވެ. 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތަށް ރާއްޖެ ދިޔައިރު ހަދާފައވާ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ އެތެރޭގެ ކަންކަމާ އިނގިރޭސީންނެއް ނުބެހޭނެ އެވެ. ނަމަވެސް ހާރިޖީ އެއްވެސް ކަމެއް ކުރަންޖެހޭނީ އިނގިރޭސީން މެދުވެރިވެގެންނެވެ. މި އެއްބަސްވުމަކީ އޭރުގެ ރަސްގެފާނު މުޢީނުއްދީނާއި އިނގިރޭސި ގަވަރުނަރާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

ދިވެހިންގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

 

މި އެއްބަސްވުން މިހެން އޮއްވާ އިނގިރޭސީން މުޢާހަދާގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ރާއްޖޭގެ ކަންކަމުގައި ނުފޫޒު ފޯރުވަން ފެށިއެވެ. މީގެ އެންމެ ބޮޑު ހެއްކަކީ 1903 ގައި ރަސްކަން ބަދަލުކުރުމުގެ މައްސަލައިގައި އެމީހުން ބައިވެރިވި މިންވަރެވެ. މިއީ ސީދާ މުޢާހަދާއާ ޚިލާފު ކަމެކެވެ. އިނގިރޭސީން ރާއްޖޭގެ އެތެރޭގެ ކަންކަމަށް މާ ބޮޑަށް ނުފޫޒު ފޯރުވަން ފެށުމުން ދިވެހިން އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ފެށި އެވެ. ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރުގައި އެދެމުން ދިޔައީ ރާއްޖޭގެ އެންމެހައި ރަށްތައް ހިމެނޭހެން، އަމިއްލަ ވެރިކަމުގެ އިޚްތިޔާރު ލިބިފައިވާ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އެހެނަސް، އިނގިރޭސިން ފުރަތަމަ މިކަމަށް އިންކާރު ކުރި އެވެ.

ދިގު މުއްދަތެއްގައި ދެފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު، 1960 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އައު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖެއަކީ މިނިވަން، އަމިއްލަ ވެރިކަމެއް އޮންނަ ޤައުމެއްކަމަށް އިނގިރޭސިން ޤަބޫލުކުރިއެވެ. އެހެންނަމަވެސް، އިނގިރޭސީންގެ ރައްކާތެރިކަމުގެ ދަށުގައިވާ ޤައުމެއްގެ ގޮތުން، އިނގިރޭސީންގެ މެދުވެރިކަމެއް ނެތި އެހެން ޤައުމުތަކާއި ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބޭއްވުމުގެ ހުއްދައެއް ނުލިބުނެވެ.

މި އެއްބަސްވުމަށްފަހުގައިވެސް، ދިވެހި ސަރުކާރުން ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރަމުންދިޔަ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔަ އެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ﷲ ގެ ވާގިފުޅާއެކު، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔަ އެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ދެ ޤައުމުގެ މެދުގައި ވެވުނު އެއްބަސްވުމަކުން، ދިވެހިރާއްޖެއަކީ މުޅިން މިނިވަން، އަމިއްލަ ވެރިކަމުގެ ފުރިހަމަ ބާރު ލިބިގެންވާ ދައުލަތެއްކަމަށް އިނގިރޭސިން އެއްބަސްވިއެވެ. މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެވުނީ މާލޭ ގަޑިން ހެނދުނު 10:00 ގައި، ކޮޅުނބުގައި ހުރި އިނގިރޭސި ހައިކޮމިޝަންގަ އެވެ. ދިވެހިރާއްޖޭގެ ފަރާތުން ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި، އިނގިރޭސި ސަރުކާރުގެ ފަރާތުން ސްރީލަންކާގެ ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ ސޮއިކުރެއްވިއެވެ. މި އެއްބަސްވުމާއެކު، ދިވެހިރާއްޖެއަށް އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ސީދާ ގުޅުން ބޭއްވުމުގެ ފުރިހަމަ ޙައްޤު ލިބިގެން ދިޔަ އެވެ.

އިނގެރޭސި ސިފައިން އައްޑު އަތޮޅު ގަމުގައި ހަރަކާތްތެރިވަނީ

ދިވެހިރާއްޖެއަށް މިނިވަންކަން ހޯދުމަށްފަހު، ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ މެންބަރުކަން ރާއްޖެއަށް ލިބިގަތެވެ. މިއާއެކު، މިނިވަން ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށްވެސް ޝަރަފުވެރި މަޤާމެއް ލިބިގެން ދިޔައެވެ. މި އުފާވެރި އަދި ފަޚުރުވެރި ދުވަހަކީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

މިނިވަންކަމަކީ ޤައުމެއްގެ އެންމެ އަގުހުރި މުދަލެވެ. މިނިވަންކަމުގެ ސަބަބުން ދިވެހިންނަށް އަމިއްލަ ވެރިކަމެއް ކުރެވި، އަމިއްލަ ޤާނޫނުތަކާއި ގަވާއިދުތައް ހެދި، އިސްލާމް ދީން މަތީ ދެމިތިބުމުގެ ފުރުޞަތު ލިބުނެވެ. މިނިވަންކަމުގެ ސަބަބުން ދިވެހިންނަށް އަމިއްލަ އިޤްތިޞާދު ބިނާކޮށް، ތަރައްޤީގެ މަގުގައި ކުރިއަށް ދެވުނެވެ. މިނިވަންކަން ހޯދުން ފަދައިން، އެ ދެމެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. މިއަދުގެ ދުނިޔޭގައި ޤައުމުތަކުގެ މިނިވަންކަމަށް ގޮންޖެހުންތައް އަންނަނީ ތަފާތު ގޮތްގޮތުންނެވެ. އިޤްތިޞާދީ ނުފޫޒު، ސިޔާސީ ފިއްތުންތައް، އަދި ސަގާފީ ހަމަލާތަކުން ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަކީ އަޅުގަނޑުމެންގެ ކާބަފައިން އެތައް ޤުރުބާނީއަކުން ހޯދައިދީފައިވާ އަގުހުރި އަމާނާތެކެވެ. މިނިވަންކަމުގެ އަގު ވަޒަންކޮށް، އެ ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް މަތިވެރި ވާޖިބެކެވެ. އަޅުގަނޑުމެން އެންމެން މިނިވަންކަމުގެ އަގު ދަނެ، އެ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހެއެވެ.

މިނިވަން ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ