ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރިއިރު ބޭނުންކުރި ތާރީޚީ ގޮނޑިތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި ގޮނޑިތައް ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި، ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެއިން އެންޑް ނޯދަން އަޔަލެންޑްގެ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ ވަނީ ރަސްމީކޮށް ގޮނޑިތައް ރާއްޖެއާ ހަވާލުކޮށްދެއްވާފަ އެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެ ގޮނޑިތައް ބަލައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކަ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ މި ގޮނޑިތަކަކީ ރަމްޒީ ގޮތުން ވަރަށް މުހިންމު އެއްޗެއް ކަމަށާއި، މިއީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ފުރަތަމަ ފިޔަވަޅު އެޅި ވަގުތު ތަމްސީލުކޮށްދޭ އެއްޗެއް ކަމަށެވެ. މިނިސްޓަރު ވަނީ މި މުހިންމު ހަދިޔާ ދެއްވިކަމަށްޓަކައި ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި މާނަވީ ހަދިޔާއަކީ ރާއްޖެއާއި ޔޫކޭއާ ދެމެދުގައި އޮތް ތާރީޚީ ދިގު އެކުވެރިކަމާއި ގުޅުން ދައްކުވައިދޭ ކަމެއް.
ހައި ކޮމިޝަނަރު ނިކޮލަސް ލޯ ވިދާޅުވީ، ރާއްޖެއާއި ޔޫކޭއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޔޫކޭއިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ބްރިޓިޝް ހައި ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
ރައީސް އިބްރާހިމް ނާސިރު އިނގިރޭސި ވިލާތް މިނިވަން ދުވަސް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
