ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މުޙައްމަދު ސައީދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިކޮނޮމިކް މިނިސްޓަރުކަން މީގެ ކުރިންވެސް ފުރުއްވާފައި ހުންނެވި ސައީދަކީ ތަޖުރިބާ ހުރި މިނިސްޓަރެކެވެ. މިނިސްޓަރު ސައީދު ފާހަގަ ކުރެވެނީ ހަރުދަނާ ސިޔާސަތުތަކާއި ވިސްނުންތެރި ޕްލޭންތަކެއްގެ ތެރެއިން ދުރުރާސްތާގައި ރާއްޖެއަށް އެތަށް ފައިދާއެއް ކުރާނެ މަޝްރޫތަކެއް ދިވެހިންނަށް ދައްކާ އަދި އެކަމުގެ އަމަލީ މަސައްކަތް ފެށި މިނިސްޓަރެއްގެ ގޮތުގަ އެވެ.
މި ސަރުކާރު އައި ފަހުން މިނިސްޓަރު ސައީދުގެ ބެއްލެވުމުގެ ދަށުން ފެއްޓެވި އިގްތިސޯދީ ’މެގަ‘ ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖެއަށް ނުކުރާކަމަށް ބަޔަކު ދެކުނު ނަމަވެސް މިއީ އެއް ދުވަހަކުން ދެދުވަހަކުން ފައިދާ ފެންނާނެ ޕްރޮޖެކްޓްތަކެއް ނޫންކަން އެންމެންވެސް ގަބޫލު ކުރަން ޖެހެ އެވެ. މި ސަރުކާރުން ފަށާފައިވާ ބޮޑެތި ޕްރޮޖެކްޓްތަކަކީ އަދި އަލަށް ރާއްޖޭގައި ފަށާފައިވާ މަސައްކަތްތަކަކަށް ވުމުން އެ މަޝްރޫތައް ރަނގަޅަށް ފަރުމާވެ ވަސީލަތްތައް ފުރިހަމަވެ ހިނގައިގަންނަން ދުވަސް ނަގާނެ އެވެ.
ބަންކަރިންގ ޚިދުމަތް: 400 މިލިއަން ޑޮލަރުގެ އުންމީދު
2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ރަސްމީކޮށް ފެށުނު ރާއްޖޭގެ ބަންކަރިންގ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދަށް އާ މަގެއް ފަހިކޮށްދިން މުހިންމު މަޝްރޫޢެކެވެ. މި ޕްރޮޖެކްޓް ފުރިހަމައަށް ހިންގަން ފެށުމުން އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ބަންކަރިންގެ ހިދުމަތް މިވަގުތު ދެމުންގެންދަނީ އެންމެ ފުރިހަމައަކަށް ނޫނެވެ. ސަރުކާރުން ބޭނުންވާ ފެންވަރަށް މި ހިދުމަތް ފުޅާ ކުރެވުމުން ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޭރުގެ ބޯޓުތަކަށް ތެލުގެ އިތުރުން އެތަށް ހިދުމަތެއް ދެވިގެން ދާނެ އެވެ. އެކި ދާއިރާތަކުގައި އޮޕަރޭޓް ކުރާ ކުންފުނިތަކަށް މިކަމުގެ ފައިދާ ލިބޭނެ އެވެ.

ބަންކަރިންގެ ހިދުމަތް ފެށިގެން މިހާތަނަށް އައި އިރު އޭގެ މާ ބޮޑު ފައިދާއެއް ރާއްޖެއަށް ނުވާކަމަށް ބުނާ މީހުން އެބަ އުޅެ އެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިވަރުގެ ބޮޑު ޕްރޮޖެކްޓަކުން މިހާ އަވަހަށް ފައިދާ ހޯދަން ’ތެޅިގަނެގެން ގޮވާނީ އަތަށް‘ ކަމެވެ. ކޮންމެއަކަސް އެ ހިދުމަތުން މިހާތަނަށް ރާއްޖެއަށް ވަދެފައިވާ އާމްދަނީވެސް ކުޑައެއް ނޫނެވެ. އެސްޓިއޯއިން ވަނީ ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މިދިޔަ މަހުގެ ތެރޭގައި ބުނެފަ އެވެ. އެއީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެ އެވެ. މި ހިދުމަތް ދެމުން ގެންދަނީ އެމްޕީއެލްއާ ގުޅިގެންނެވެ. އަދި ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.
ޑިވެލޮޕްމަންޓް ބޭންކް: އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދޮރެއް
މިނިސްޓަރ ސައީދުގެ އެންމެ މުހިންމު އެއް އިސްނެގުމަކީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މަޝްރޫޢެވެ. މި ބޭންކަކީ ތަރައްޤީގެ މަޝްރޫޢުތަކަށް ލުއިފަސޭހަ ގޮތްތަކެއްގެ މަތިން ފައިސާ ފޯރުކޮށްދިނުމަށް އުފައްދާފައިވާ މުހިންމު މާލީ މުއައްސަސާއެކެވެ. މީގެ ސަބަބުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން ފައިސާ ހޯދުމުގެ މަގު ތަނަވަސްވެގެން ދާނެ އެވެ.

ބޭންކެއްގެ މަސައްކަތް ފެށުމަށް ބޮޑު އިންވެސްޓްމެންޓެއް ބޭނުންވާއިރު ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ޑީބީއެމްގެ ފައިދާ ރާއްޖޭގެ އިގްތިސޯދަށް ކުރާނެކަން ކަށަވަރު ކުރުމާއެކު އެ ބޭންކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.
ޗައިނާ އެފްޓީއޭ: ދިވެހި ވިޔަފާރިވެރިންނަށް އުފާވެރިކަން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ސައީދުގެ ބުރަ މަސައްކަތުން ޗައިނާއާއެކު ވަނީ މިނިވަން ވިޔަފާރީގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށް އެތަށް ފައިދާއެއް ލިބޭނެ އެއްބަސްވުމަކަށް ވިޔަސް ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ މަޑު ޖައްސާލަފަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކުރީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާއާއެކު އޮތް ގުޅުން ހީނަރުވުމުން ކަމަށްވެދާނެ އެވެ. ނުވަތަ އެ އެއްބަސްވުމަށް އަމަލުކޮށްފިނަމަ އިންޑިއާ އަތުވެދާނެ ރުޅިއަކަށްކަމަށް ބަލާކަަމަށްވެސް ވެދާނެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އިކޮނޮމިކް މިނިސްޓަރަކަށް ސައީދު އައްޔަން ކުރެއްވުމުން މިނިސްޓަރު ސައީދު ވަނީ އަލުން ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރުމަށް ފަހު މިހާރު ވަނީ އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފަ އެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ގިނަ އަދަދެއްގެ ތަކެތި އެއްވެސް ޑިއުޓިއަކާ ނުލާ ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އިރު ޗައިނާގެ އެތަށް މުދަލެއް އެއްވެސް ޑިއުޓީއެއް ދެއްކުމެއް ނެތި ރާއްޖެއަށް އެތެރެ ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީއެވެ.
އޭގެއިތުރުންވެސް އަވައްޓެރި އިންޑިއާ އަދި ތުރުކީއާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުުންތަކެއް ޤާއިމްކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް މިނިސްޓަރު ސައީދުގެ މޭސްތެރިކަމުގައި ގެންދަވަނީ ކުރަައްވަމުންނެވެ.
އުފެއްދުންތެރިކަމުގެ އިންޤިލާބީ ކުރިއެރުން
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރު ވަނީ އަނެއްކާވެސް ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވާފަ އެވެ. މިއަހަރު ބޭއްވި މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މައުރަޒެވެ. މި ސަރުކާރުން އަންނަނީ ދިވެހި އުފެއްދުންތެރިންގެ ކުރިއެރުމަށް ލުއި ފަސޭހަ އެތަށް ކަމެއް ކޮށްދެމުންނެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ފައްޓަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭ ގޮތް ހަދައިދީފައިވާއިރު އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށް ފަހި ފުރުސަތުތަކެއްވެސް ދަނީ ހުޅުވާލަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރައިގެންގޮސްފައިވާކަމަށް މިނިސްޓަރު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.6 ބިލިއަން އެމެރިކާ ޑޮލަރުގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 1990 ގައި 215 މިލިއަން ޑޮލަރުގައި ހުރި އުފެއްދުންތެރިކަން އެތަށް ގުނައެއް އިތުރު ވެގެން ދިޔަ އިރު އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުގައި ސައީދު މީގެ ކުރިން އެއް ދައުރު ވަނީ ފުރިހަމަ ކުރައްވާފަ އެވެ. މިހާރު އެ ހުންނެވީ ހަމަ އެ މަގާމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާށެވެ.
ޑިޖިޓަލް އިކޮނޮމީ އާއި އިތުރު ޕޭމަންޓް ގޭޓްވޭތައް
ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫޓިއުބްއާއި ޓިކްޓޮކްފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް މަންފާ ލިބޭނެ ގޮތް ހެދުމަށް އެފަދަ ޕްލެޓްފޯމްތަކާއިއެކު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައިވެސް އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރު ސައީދެވެ.

މީގެ އިތުރުން ރާއްޖެއަށް އިތުރު ޕޭމަންޓް ގޭޓްވޭތައް ގެނައުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވުނު މަސައްކަތުން މިހާރު ރުޕޭއާއި ވީޕޭގެ ހިދުމަތް ރާއްޖޭގައި ލިބެމުން ދާއިރު ޕޭޕަލްއާއި ގޫގުލް ޕޭ ފަދަ ބޮޑެތި ޕޭމަންޓް ގޭޓްވޭތައް ރާއްޖެއަށް ތައާރަފް ކުރުމަށްވެސް މިނިސްޓަރު ސައީދު އިސްވެ ހުންނަވައިގެން އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.
ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓްތައް
މިނިސްޓަރ ސައީދުގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދެވޭ އިޤްތިޞާދީ މަޝްރޫޢުތަކަކީ ކުރު ރާސްތާއަށް ވުރެ ބޮޑަށް، ކުރިއަށް އޮތް ޖީލުތަކަށްވެސް ފައިދާކުރާނެ ދުރުވިސްނުމުގެ އިންވެސްޓްމަންޓްތަކެކެވެ. ބަންކަރިންގ ޚިދުމަތާއި، ޑިވެލޮޕްމަންޓް ބޭންކް ފަދަ މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން އިތުރުވެ، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެއެވެ.
މީގެ އިތުރުން ދިވެހި ޒުވާނުންނަން އަމިއްލަ ވިޔަފާރިއެއް ފަށާ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން އެތަށް އެހީއެއްވަމުން ދާއިރު އެއީވެސް މުސްތަގުބަލަށް ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ.

މިނިސްޓަރު ސައީދަކީ ’ޓެސްޓެޑް ސަކްސަސްފުލް ޕްރޮޑަކްޓް‘ އެކެވެ. ކުރީގެ ރައީސް ޔާމީންގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި 5 އަހަރު ނިންމާލިއިރުވެސް ގެންގުޅުއްވީ ދުރުރާސްތާ ޕްލޭންތަކެވެ. ގިނަ ކަންކަން ހަގީގަތަށް ހެދުމަށް އޭރު ތާއީދު ނުލިބުނު ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މިނިސްޓަރު ސައީދަށް ފުރިހަމައަށް އެއްބާރުލުން ދެއްވަމުންނެވެ. ރާއްޖޭގެ ކުރިމަގަށް މަންފާ ކުރާނެ އަދި ރައްޔިތުން މުއްސަނދި ވާނެ ފޯމިއުލާއާއެކު މިނިސްޓަރު ސައީދު އެ ހުންނެވީ ރައީސް މުއިއްޒުގެ ފަހުތަގައި ސާބިތުކަމާއެކު އެވެ. ދެބޭފުޅުން އެކުގައި ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމުގެ އިތުރުން ކުރިއަށް އޮތް ޖީލަށް ފައިދާ ކުރާނެ އެތަށް ދޮރެއް ހުޅުވައިދޭނެކަން ކަށަވަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންކަރިންގ ހިދުމަތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޑިވެލޮޕްމެންޓް ބޭންކް