އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއެކު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ރައްޒާގްހަލީމް ވިދާޅުވެއްޖެ އެވެ.
ރައްޒާގް މިހެން ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުގައި ގާއިމްކުރެވޭ ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޒާގް ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއިން ތަކުލީފް ކުޑަކޮށް ފަސޭހައިން ރަށްޔިތުންނަށް ހިދުމަތް ލިބުމުގެ އިންތިޒާމްތަށް ހަމަޖެހިގެން ދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ އަދި އެކަމަށް ކެނޑިނޭޅި އިރުޝާދު ދެއްވަމުން ގެންދަވާ ކަމެއް ކަމަށެވެ.
އެގޮތުން، މިއަދު ހުޅުވިގެންމިދިޔަ ސެންޓަރަކީ މިކަމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި ސެންޓަރާގެ ނިޒާމުގެ ތެރެއިން ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުގެ އަސާސްތަކަށް މަހުފަހިވެގެންދާނެ ކަަމަށް ރައްޒާގު ވިދާޅުވެފައިވެ އެވެ.
”އެމަނިކުފާނު ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާ މެދު ގެންގުޅުއްވާ މައިގަނޑު ސިޔާސަތު ކަމުގައިވާ ބަލިމަޑުކަމުން ސަލާމަތްވެ ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެން ދިއުމަށް މަގު ފަހިވެގެންދާނެ ހިދުމަތްތަކެއް މި ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ލިބިގެންދާނެ.“
މި ސެންޓަރުގެ ހިދުމަތްތައް ބެހިގެންވަނީ 3 ބަޔަކަށް ކަމަށާއި، ޖީޕީ ކްލިނިކްގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރު ކޮށްދެވޭނެ ކަމަށާއި، މި ކްލިނިކްގައި އެކަމަށް ތަމްރީން ވެފައިވާ ޖެނަރަލް ޕްރެކްޓިޝަނަރުންގެ އެހީގައި ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެވިގެންދާނެ ކަމަށްވެސް ރައްޒާގް ވިދާޅުވި އެވެ.
ޖީޕީ ކްލިނިކްގެ އިތުރުން މި ސެންޓަރަކީ އާންމު ސިއްހަތު ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ގައުމީ ފެންވަރުގައި ހިންގޭ ޕްރޮގުރާމްތައްވެސް ކުރިޔަށް ގެންދެވޭން މަރުކަޒެއް ކަމަށްވެސް ރައްޒާގް ވިދާޅުވި އެވެ.
އެގޮތުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި އަދިވެސް ގުޅުންހުރި އެކި އިދާރާތަކާއި ގުޅިގެން ޗައިލްޑް ހެލްތް ކްލިނިކްގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި އެކުދިން ހެދި ބޮޑުވަމުން އަންނަ ގޮތް މޮނިޓަރ ކުރުމުގެ ފަސޭހަ އިންތިޒާމްތަށް ހަމަޖެހި އެކުދިންގެ ބެލެނިވެރިންނަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތްތައްވެސް ފޯރުކޮށްދެވޭނެ ކަމަށް ރައްޒާގް ވިދާޅުވި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް
