މާލޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ 24 އަހަރުގެ އަންހެނަކައި ބައްދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ، އަނބިކަނބަލުން ސާޖިދާ މުހައްމަދު، އައިޖީއެމް ހޮސްޕިޓަލަށް ވަޑައިގެންނެވިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަން ’ޖަވިޔަނި‘ އަށް ކަށަވަރުވެއްޖެ އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮޮށްފައިވާ ސީރިއަސް މައްސަލައެއް ތަހުޤީޤްކުރަމުން އަންނަކަން ފުލުހުން ވަނީ ހޯމަ ދުވަހު ހާމަކޮށްފަ އެވެ.
ފުލުހުން އެ ދުވަހު ބުނި ގޮތުގައި މަގުމަތިން އެހީތެރިކަމަށް އެދުނު އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ. ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުން އަންހެން މީހާ ޖިންސީ އަނިޔާތަކެއް ލިބިފައިވާކަމަށް އެރޭ ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދިނުމާއެކު، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤް ފަށާފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގަ ކާކުން ނޭނގޭގޮތަށް ފޮރުވިގެން ’ހަސަން ކުރުސީ‘ ގެ ނަމުގައި ހިންގާ އެކައުންޓަކުން އަންނަނީ ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އަދި ޖިންސީ ޝިކާރައަކަށްވި އަންހެން މީހާއަކީ ކާކުކަން ހާމަވާފަދަގޮތަކަށް، އަދި އަނިޔާވެރިގޮތަށް މަރާލާފައިވާ އޭނާގެ މަންމަގެ މައުލޫމާތު ހާމަކޮށް، ވިކްޓިމްގެ ގިނަ މައުލޫމާތުތަކެއް ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ. އެ އެކައުންޓުން އެކި ސިޔާސީ މިހުންނާއި މި ހާދިސާއާ ގުޅުވަމުންދާއިރު، އޭގެތެރެއިން އެއް ޕޯސްޓެއްގައި ވަނީ އެ އަންހެން މީހާއާ ބައްދަލުކުރުމަށް ރައީސްގެ ދެކަނބަލުން އައިޖީއެމް ހޮސްޕިޓަލަށް ވަޑައިގެންނެވިކަމަށް ބުނެފަ އެވެ. ނަމަވެސް ’ޖަވިޔަނި‘ ގެ ޓީމުން ހޯދި ހޯދުމުން ކަށަވަރުކުރެވުނު ގޮތުގައި އެއީ އެއްވެސް ހަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއްކަން ވަނީ ޔަގީންކުރެވިފަ އެވެ.
’ޖަވިޔަނި‘ ޓީމުން ކުރި މަސައްކަތުން އެނގުނު ގޮތުގައި ރައީސްގެ ދެކަނބަލުން އެރޭގަ ހޮސްޕިޓަލަށް ވަޑައިގެންނެވީ މުޅިން އެހެން ބޭނުމެއްގަ އެވެ. އެގޮތުން ރައީސްގެ ދެކަނބަލުން މިމަހުގެ 17 ވަނަ ދުވަހުގެރޭ ހޮސްޕިޓަލަށް ވަޑައިގެންނެވީ ރައީސް އޮފީހުގެ މިނިސްޓަރ އަދި ރައީސްގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ޢަބްދުﷲ ނާޞިރު (އައްޅޮބެ) މަންމައަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނާތީ، އައްޅޮބެގެ މަންމައަށް ޒިޔާރަތް ކުރެއްވުމަށެވެ. ރައީސްގެ ދެކަނބަލުން އެރޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެން މީހާއާ އެއްވެސް ވަރަކަށް ބައްދަލުކުރައްވާފައި ނުވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ.
ކާކުކަން ނޭނގޭގޮތަށް ފޮރުވިގެން ހުރެ ހިންގާ ’ހަސަން ކުރުސީ‘ ގެ އެކައުންޓުން އެ ހާދިސާއާ ސިޔާސީ ގިނަ މީހުންނާއި ގުޅުވާއިރު، އަސްލެއް ނެތްގޮތަށް އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން އެ ހާދިސާއަ ގުޅުވައި، ޕީއެންސީއަށް ނިސްބަތްވާ ގިނަ މެމްބަރުންނަށް ތުހުމަތުތަކެއް ކުރުމަށްފަހު، ފަހުން ވަނީ އެ މީހުންގެ ބައިވެރިވުމެއް ނެތްކަމަށް ބުނެ ޕޯސްޓުތަކެއްކޮށްފަ އެވެ.
ސޯޝަލް މީޑިއާގައިވާގޮތުން އެއީ ’ގޭންގް ރޭޕް‘ އަކާއި ގުޅުންހުރި މައްސަލައެކެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުުނެފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުން އަންނައިރު، ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައިޖީއެމްއެޗް ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ
