ސްރީލަންކާއަށް ނިސްބަތްވާާ 24 އަހަރުގެ ރީތި އަޑެއްގެ ވެރިޔާ ޔެނުލީ ޝަނައްޔާ އަކީ، މިއުޒިކް އާާއިލާ އަކަށް ނިސްބަތްވާ ތަރިއެކެވެ. އެގޮތުން ޔެނުލީ ބުނާ ގޮތުގައި އޭނާ އެންމެ ފުރަތަމަ މިއުޒިކަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަ މިއުޒިކް އިންސްޓްރޫމެންޓްތަށް ކުޅެން އުޅޭތަން ފެނުމުންނެވެ. އަދި އެންމެ ކުޑައިރުއްސުރެއް ވެސް ބޭނުންވީ އޭނާ މަންމަ ފަދަ މީހަކަށް ވުމަށެވެ.
އެންމެ ފުރަތަމަ ލަވަ ކިޔަން ފެށިއިރާ ގުޅޭގޮތުން ”ޖަވިޔަނި“އާ ވާހަކަ ދައްކަމުން ޔެނުލީ ބުނީ ހަދާން ހުންނަން ފެށީންފުރެވެސް ފެށިގެން ލަވަ ކިޔަމުން އަންނަ ކަމަށާއި ނަމަވެސް އޭރު ލަވަ ކިޔަމުން އައީ މަޖަލަކަށް ކަމަށެވެ. ނަމަވެސް ޔެނުލީ ލަވަކިޔަން ޝައުގުވެރިކަން އުފެދުނީ ސްކޫލް ދައުރުގައި ލަވަކިޔަނިކޮށް އޭނާގެ ޓީޗަރަކަށް އަޑުއިވި ސްކޫލް ތަމްސީލުކޮށްދޭ ލަވަ މުބާރާތެއްގައި ބައިވެރިވުމަށް އެދުމުން އެ މުބާރާތުގައި ލަވަ ކިޔަން ފެށުމުށާއި އެކު އެވެ.

މި ރީތި އަޑުގެ ވެރިޔާ ދިވެހި ލަވައަށް ޝައުގުވެރިކަން އުފެދުނު ގޮތާބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ އެއްދުވަހަކު ޓިކްޓޮކުން ފެނުން “ އޭ ހިތާ“ ނަމަކަށް ކިޔާ ލަވައެއް ރީތިވުމުން އެއާ ބެހޭގޮތުން ކުރި ދިރާސާއަކުން އެއީ ދިވެހި ލަވަކިޔުންތެރިއަކާއި ސްރީލަންކާގެ ލަވަކިޔުންތެރިއެއް އެކޮށް ހަދާފައިވާ އުފެއްދުމަށްކަން އެނގުނު ހިނސާބުން ކަމަށެވެ. އަދި މިލަވައަކީ ދިވެހިން ކިޔާފައިއިން ލަވައެއްކަން ވެސް އިންގުނު ކަމަށެވެ. އެގޮތުން އެލަވަ އޭނާއަށް ރީތިވުމުން ހުއްޓުމެއްނެތި އެލަވަ އަޑު އަހަމުން ދިޔަ ކަމަށް ބުންޏެވެ.
”ޖަވިޔަނި“އާ ވާހަކަދައްކަމުން ޔެނުލީ ބުނީ އާންމުކޮށް ލަވަކިޔުމަށްފަހު ޓިކްޓޮކަށް ދޫކޮށްލާ އުސޫލުން އެއްދުވަހަކު މިލަވައިގެ ކަވަރ ކިޔާފައި ޓިކްޓޮކަށް ދޫކޮށްލީ ކަމަށެވެ. އަދި މި ލަވައިން މުޅި ދިވެހިރާއްޖެއަށް އޭނާ މަޝްހޫރުވެދާނޭ ކަމުގެ އެއްވެސް ހިޔާލެއް އޭރު ނެތްކަމަށް ބުންޏެވެ. މިލަވަ ވެގެންދިޔައީ ރާއްޖޭގެ އެތެއްބަޔަކަށް ޔެނުލީގެ އަޑު ރީތިވެގެންދިޔަ ލަވައެއް ކަމަށެވެ. މިއާއެކު ދިވެހިން ދިޔައީ ދިވެހި ލަވަތައް ކިޔުމަށް ޔެނުލީ ކައިރީގައި އެދެމުނެވެ. އެހެންކަމުން ރިކުއެސްޓްއައި ދިވެހި ކޮންމެ ލަވައެއް ޔެނުލީ އައީ ކިޔަމުންއެވެ.

ދިވެހި ލަވަކިޔަން އެންމެ އިންސްޕަޔާާވާ ލަވަކިޔުންތެރިއަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ޔެނުލީ ފާހަގަކުރީ ”އޭ ހިތާ“ ލަވަ ކިޔާފައިވާާ ޝާނީ އެވެ.
”އެއީ ވަރަށް ހިތްހެޔޮ ހިތެއްގެ ވެރިއެއް. އޭނާ ”އޭ ހިތާ“ ލަވައިގެ ވީޑިއޯއަށް ކޮމެންޓްކޮށް އެ ވީޑިއޯ ޝެއާކުރި. އެހެންވެ ވަރަށް އުފާވި.“ ޔެނުލީ ބުންޏެވެ.
ޔެނުލީ ބުނީ އޭގެފަހުން ޝާނީގެ އިތުރު ލަވަތައް އަޑުއެހުމުން އިތުރަށް ދިވެހި ލަވަކިޔަން ބޭނުންވި ކަމަށެވެ.
ޔެނުލީ ބުނީ ދިވެހިރާއްޖޭގައި ޝޯއެއްދިނުމުގެ ފުރުސަތެއް ލިބިއްޖެނަމަ ވަރަށް އުފާވާނޭ ކަމަށެވެ. އަދި އެންމެ އުފާވާނީ ރާއްޖޭގައި އޭނާއަށް ސަޕޯޓުކުރަމުން އަންނަ ފޭންސް އާއި ދިމާވާނެތީވޭ ކަމަށެވެ. ޔެނުލީ ވަނީ ރާއްޖޭގައި ތިބި އޭނާގެ ސަޕޯޓަރުން ދެމުން އަންނަ ލޯބާއި އެއްބާރުލުމަށްޓަކާއި ޝުކުރު އަދާކޮށްފަ އެވެ. އަދި ރާއްޖޭގައި ޝޯއެއް ދިނުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. ދިވެހިންގެ ތަރުހީބާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔެނުލީ ބުނެފައިވަނީ އޭނާއަށް އިހުސާސް ކުރެވެނީ މިއީ އޭނާގެ އާއިލާއެއް ކަމަށާއި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިއްވަރެއް ކޮންމެ ދުވަހަކުވެސް ލިބިގެންދާ ކަމަށެވެ.
އެންމެކަމުދާ ދިވެހި ލަވައާއި ބެހޭގޮތުން ”ޖަވިޔަނި“އާ ވާހަކަދައްކަމުން ބުނީ، ވަކި ލަވައެއް ނެގުމަށް ވަރަށް އުދަގޫ ކަމަށެވެ. ސަބަބަކީ އޭނާ ކޮންމެ ފަހަރަކު އަޑުއަހާ ދިވެހި ލަވައަކީ ވެސް އެހާމެ ރީތި ލަވައެއްކަމަށްވާތީ ކަމަށެވެ. ނަމަވެސް އިހުތިޔާރު ކުރަން ޖެހިއްޖެނަމަ އޭނާ ބުނިގޮތުގައި އޭނާ އިހްތިޔާރު ކުރާނީ ”ވަަކިވީ ލޯބިން“ މި ލަވަ ކަމަށެވެ.
”އެންމެފަހުކަމަކަށް ސަޕޯޓްކުރާ ފަރާތްތަކަށް ބުނެލަން ބޭނުމީ، ނުވެސް ދަންނަ ބަހަކުން ލަވަ ކިޔުމުންވެސް ކުރަމުން އަންނަ ސަޕޯޓަށް ޝުކުރުއަދާާކުރަމޭ. ހުރިހާ ފޭނުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން. ސަޕޯޓަރުންނަކީ މިކަމުގައި ކުރިއަށްދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު.“

ކޮންމެއަކަސް މިއީ ޔެނޫލީގެ ވާހަކަ އެވެ. ދިވެހިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާއެކު ޔެނޫލީ ހުރީ ދިވެހި ލަވަ ކިޔުން ހުއްޓާލާގޮތަކަށް ނޫނެވެ.