ޓޭލަރ ސްވިފްޓް ހުކުރު ދުވަހު އިއުލާނުކުރީ އޭނާގެ މާސްޓާ ރެކޯޑިންގްސްތައް ޝެމްރޮކް ކެޕިޓަލްއިން އަނބުރާ ހޯދައިފައިވާ ކަމަށެވެ.
ޝެމްރޮކް ކެޕިޓަލްއަކީ 2020 ގެ ފަހުކޮޅު ސްކޫޓަރ ބްރައުންގެ އިތަކާ ހޯލްޑިންގްސްއިން އެ ރެކޯޑިންގްސްތައް ގަތް ޕްރައިވެޓް އިކުއިޓީ ކުންފުންޏެކެވެ. ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝެމްރޮކްއިން ސްވިފްޓްގެ ކެޓަލޮގް އަނބުރާ ވިއްކާލާފައިވަނީ އެމީހުން ގަތް އަގާ ގާތްގަނޑަކަށް އެއްވަރުގެ އަގަކަށެވެ.
ބިލްބޯޑަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި އެއީ 360 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. ޓޭލަރ ސްވިފްޓްގެ އިއުލާނުގައި ވަނީ ޝުކުރުވެރިކަން ފާޅުކޮށް، މި މުއާމަލާތް ޝެމްރޮކްއިން ގެންގުޅުނު ގޮތަށް ތައުރީފު ކޮށްފަ އެވެ. އަދި މި އަލްބަމްތަކަކީ އޭނާއަށް މުހިންމުތަކެތިކަން އެ ލޭބަލުން ގަބޫލުކުރީތީ އެކަން ފާހަގަކޮށްފައިވެ އެވެ.
ސްވިފްޓްގެ މާސްޓަރސްގެ ވާހަކަ ފެށެނީ 2019 ގެ ޖޫން މަހުންނެވެ. އެއީ އިތަކާއިން ބިގް މެޝިން ލޭބަލް ގްރޫޕް ގަތް ހިސާބުންނެވެ. ބިގް މެޝިންގެ އަތުގައި ސްވިފްޓްގެ ފުރަތަމަ 6 އެލްބަމްގެ މާސްޓަރ ރެކޯޑިންގްސްތައް އޮތެވެ. އަދި އެ ކުންފުނި ގަތީ އަންދާޒާކުރެވޭ ގޮތުގައި 300 މިލިއަން ޑޮލަރަށެވެ. އޭރު އަންދާޒާކުރެވުނު ގޮތުގައި ސްވިފްޓްގެ ކެޓަލޮގްގެ އަގަކީ މި އަދަދުގެ މަދުވެގެން ދެބައިކުޅައެއްބަ އެވެ. އަހަރުތަކެއް ވަންދެން، ސްވިފްޓް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އޭނާގެ މާސްޓަރސްތައް އެކި ފަރާތްތަކަށް ބަދަލުވަމުންދިޔަ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަ އެވެ. އަދި 2019 ގައި، އޭނާގެ ލަވަތަކުގެ މައްޗަށް ވިޔަފާރީގެ ގޮތުން އޮތް ބާރު އަލުން ހޯދުމަށްޓަކައި، އެ ބިގް މެޝިން އެލްބަމްތައް އަލުން ރެކޯޑުކުރަން ފެށި އެވެ.
ޓޭލަރ ސްވިފްޓް، އަލުން ރެކޯޑުކުރުމުގެ ދަތުރު ފެށުނީ 2021 ގެ އޭޕްރިލް މަހު ”ފިއަރލެސް (ޓޭލަރސް ވަރޝަން)“ އާއެކު އެވެ. އޭގެ ފަހުން 2021 ގެ ނޮވެމްބަރު މަހު ”ރެޑް (ޓޭލަރސް ވަރޝަން)“ ނެރުނެވެ. 2023 ގައި، އޭނާ ނެރުނީ ”ސްޕީކް ނައު (ޓޭލަރސް ވަރޝަން)“ އަދި ”1989 (ޓޭލަރސް ވަރޝަން)“ އެވެ. މި ކޮންމެ އެލްބަމެއްވެސް ބިލްބޯޑް 200 ޗާޓުގެ އެންމެ މަތީގައި ހިމެނުނެވެ.
ޓޭލަރ ގެ ވެބްސައިޓުގައި ނެރުނު ސިޓީއެއްގައި ބުނެފައި ވަނީ ”ރެޕިއުޓޭޝަން“ އަލްބަމްގެ ރީ-ރިކޯޑިން ނުވެސް ފަށާކަމަށާއި ނަމަވެސް ޑެބިއުޓް އަލްބަމްގެ ރީ-ރިކޯޑިން ނިމިފައިވާކަމަށެވެ. އަދި ފޭނުން ބޭނުންނަމަ ”ރެޕިއުޓޭޝަން“ އަލްބަމްގެ އަންރިލީސްޑް ލަވަތަކާއި ޑެބިއުޓް އަލްބަމް ގެ ރީ-ރިކޯޑަޑް ވާރޝަން ނެރޭނެ ކަމަށް އެސިޓީގައި ޓޭލަރ ބުނެފައިވެ އެވެ.
2018 ގެ ނޮވެމްބަރު މަހު ބިގް މެޝިން ދޫކޮށްލުމަށްފަހު، އޭނާ ވަނީ ރިޕަބްލިކް ރެކޯޑްސްގައި އިތުރު 5 އެލްބަމް ނެރެފައެވެ. އެއީ، ލަވަރ (2019)، ފޯކްލޯ (2020)، އެވަރމޯ (2020)، މިޑްނައިޓްސް (2022) އަދި ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް (2024) އެވެ.
މީގެ އިތުރުން ޓޭލަރ ސްވިފްޓް ވަނީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބެލެވޭ އީރާސް ޓުއާ ފަށައި، ނިންމާލާފަ އެވެ. އަދި އޭނާގެ މުޅި ކެޓަލޮގްގެ ސްޓްރީމްތަކާއި ވިއްކުންތައް ބޮޑުތަނުން އިތުރުވެގެން ދިޔައެވެ. މީގެ ތެރޭގައި އަލުން ރެކޯޑުކުރެވުނު ވާޝަންތައްވެސް ހިމެނެއެވެ.