އަމިއްލަ ވިޔަފާރިތައް އުފެއްދުމަށް އަބަދުވެސް ރާއްޖޭގައި ފަހި ފުރުސަތުތަކެއް ހުޅުވިފައި އޮވެ އެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުންކޮށް ރާއްޖޭގައި ނުކުރާ މުޅިން އާ ވިޔަފާރިއެއް ކުރަން ކެރޭ މީހުން ވަރަށް މަދެވެ. މިއަދު ދައްކަން މިއުޅެނީ 4 އެކުވެރިއެއްގެ މެދުގައި ކުރެވުނު ސައްލާއަކުން ރާއްޖޭގައި މީގެ ކުރިން ނުކުރާ ކަމެއް ކުރަން ނިންމާ އެކަން ކާމިޔާބުކުރި ވާހަކަ އެވެ. ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ ތާރީހުގައި އާ ޞަފްޙާއެއް ފެށިގެން ދިޔައީ މި ހަތަރު އެކުވެރިންގެ ހިތްވަރާއި ކެރުންތެރިކަމާއެކުގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވުނު ޕާފިއުމް ބާ، އައިލެންޑް ޕާފިއުމް ބާގެ ވާހަކަ އެވެ. މި ހަތަރު އެކުވެރިންގެ ވިސްނުންތެރި ޚިޔާލާއި، ހިތްވަރުގަދަ މަސައްކަތުން ފެށިގެން އައި މި ވިޔަފާރި، މިއަދު ވަނީ ރާއްޖޭގެ އެންމެންގެ ލޯބި ލިބިފައިވާ ބްރޭންޑަކަށް ވެފަ އެވެ.
އައިލެންޑް ޕާފިއުމްގެ ވާހަކައަކީ ހަތަރު އެކުވެރިންގެ ގުޅުމާއި، އެކުވެރިކަމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ. މި ހަތަރު އެކުވެރިންގެ ތެރެއިން ތިން މީހުންނަކީ ރާއްޖެއިން ބޭރުން ޕާފިއުމް ހެދުމުގެ ތަމްރީނު ހޯދާފައިވާ ފަންނުވެރިންނެވެ. އެމީހުންގެ ހުނަރާއި، ތަޖުރިބާ ބޭނުންކޮށްގެން، ރާއްޖޭގައި ނުކުރާ ވިޔަފާރިއެއް ފެށުމުގެ ވިސްނުމުގައި، ގިނަ މަޝްވަރާތަކަކަށްފަހު އައިލެންޑް ޕާފިއުމް ބާ އުފަންވެގެން އައީ އެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕާފިއުމް އުފެއްދުމުގެ ތަމްރީން ދީފައިވަނީ މި 3 މީހުންނެވެ.

ފުރަތަމަ ފިހާރަ ހުޅުވުމުގެ މަސައްކަތުގައި މި ހަތަރު އެކުވެރިން ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެ ވިޔަފާރި ފެށުމަށް ތައްޔާރުވަމުން ދިޔަ އިރު މި ހަތަރު މީހުންނަކީވެސް އެކި ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެމީހުންގެ ވަޒީފާގެ ޑިއުޓީ ނިމުމަށްފަހު، ރޭގަނޑުގެ ވަގުތުތަކުގައި، ބައެއްފަހަރު ފަތިހު 3 އާއި 4 އާ ހަމައަށް މަސައްކަތްކޮށްގެން، އެއްވެސް ބޭރު ފަރާތެއްގެ އެހީތެރިކަމެއް ނެތި، ދެ މަސްދުވަހުގެ ތެރޭގައި ފިހާރައިގެ މަސައްކަތް ނިންމި އެވެ. ކެރުންތެރިކަމާ ކެތްތެރިކަމުގެ މިސާލެކެވެ.
އައިލެންޑް ޕާފިއުމްގެ އެންމެ ބޮޑު ސިއްރަކީ އެތަނުން ވިއްކާ ތަކެތީގެ ފެންވަރު ހިފެހެއްޓުމެވެ. ސްޕެއިންއާއި ފްރާންސްއިން އެތެރެކުރާ އޮއިލްތައް ބޭނުންކޮށްގެން، އަތްފޯރާ އަގެއްގައި، ރަނގަޅު ފެންވަރުގެ ޕާފިއުމް ފޯރުކޮށްދިނުމުގެ ސަބަބުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރި ކުރިއަރައިގެން ދިޔަ އެވެ. މިއަދު އައިލެންޑް ޕާފިއުމް އޭ ބުނުމުން އެއީ ކޮން ތަނެއްކަން ނޭނގޭނެ މީހެއް ނުހުންނާނެ އޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ.
ފުރަތަމަ ފިހާރައިގެ ކާމިޔާބާއެކު، މިހާރު ވަނީ އިތުރު ފިހާރައެއް މާލޭގައި ހުޅުވާފަ އެވެ. އަދި ހަމައެކަނި ޕާފިއުމްގެ ވިޔަފާރިއަށް ވުރެ ފުޅާކޮށް، ރޫމް ސްޕްރޭ، ރޫމް އެންޑް ލައިން ސްޕްރޭ، އަތަރު، ބޮޑީ ލޯޝަން އަދި ބޮޑު އާވި ފަދަ އުފެއްދުންތައް މިހާރު ވިއްކަމުން ގެންދެ އެވެ. އައިލެންޑް ޕާފިއުމްއިން އަންނަނީ ކަސްޓަމަރުން ބޭނުންވާ ޕާފިއުމްއަކާ ގުޅޭ ބޮޑީ ލޯޝަންވެސް އުފައްދައިދެމުންނެވެ. އަދި ބޮޑީ ލޯޝަން އުފެއްދުމަށް ބޭނުންވާ މެޝިންތައް ގެނެސް މިހާރު އެ މަސައްކަތް ވަރަށް ރަނގަޅަށް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ވިޔަފާރި އިތުރަށް ފުޅާ ކުރުމަށްޓަކައި ވަރަށް ގިނަ އިތުރު މެޝިންތައް ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް އައިލެންޑް ޕާފިއުމްއިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ޕާފިއުމް އުފެއްދުމަށް ބޭނުން ކުރާ އެންމެ ފަހުގެ މެޝިންތައްވެސް ހިމެނެ އެވެ.

ރީޓެއިލް ވިޔަފާރީގެ އިތުރުން އައިލެންޑް ޕާފިއުމްއިން މިހާރު ވަނީ ހޯލްސޭލް ވިޔަފާރިވެސް ފަށާފަ އެވެ. އެގޮތުން އައިލެންޑް ޕާފިއުމްއިން މިހާރު އަންނަނީ އަތަރާއި ރޫމް ސްޕްރޭ ހޯލްސޭލް ކުރަމުންނެވެ. މި ތަކެއްޗަށް ވަރަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިފަ އެވެ.
އައިލެންޑް ޕާފިއުމްގެ އިސްވެރިންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިރަށެއްގައި ފިހާރަ ހުޅުވުމެވެ. ނަމަވެސް އޭގެ ކުރިން ވަރަށް އަވަސް މުސްތަޤުބަލެއްގައި ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އައިލެންޑް ޕާފިއުމްގެ ވިޔަފާރި މިހާ ކުރިއަރާފައިވާއިރު ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްވެސް އައިލެންޑް ޕާފިއުމްއިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ޑެލިވަރީގެ ޚިދުމަތްވެސް މާލެ އާއި ހުޅުމާލެއަށް ފޯރުކޮށްދެމުން ދާއިރު، ރަށްރަށަށް ފެރީ މެދުވެރިކޮށް މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދެމުން ގެންދެ އެވެ. އައިލެންޑް ޕާފިއުމްގެ އެފްބީ ޕޭޖާއި ވައިބާ މެދުވެރިކޮށްވެސް އޯޑަރު ނަގަމުން ދާއިރު ރަށްރަށަށް ފޮނުވަން ޖެހޭ އެއްޗެހި އެ ދުވަހަކު ފެރީ އޮތްނަމަ އެ ދުވަހުން ދުވަހަށް ފެރީ އަރުވައިދެ އެވެ.
އައިލެންޑް ޕާފިއުމްގެ ކާމިޔާބީގެ ވާހަކައަކީ، ރަނގަޅު ޕްލޭނިންގ އަކާއި، ހިތްވަރާއި، އެކުވެރިކަމުގެ ބިންގަލުގެ މައްޗަށް ބިނާކޮށްގެން ކުރެވޭ މަސައްކަތުން ލިބޭ ކާމިޔާބީގެ ރީތި މިސާލެކެވެ. މި ހަތަރު އެކުވެރިންގެ ވިޔަފާރި ވެންޗަރ މިއަދު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ވިޔަފާރި އާލަމުގައި ފާހަގަކޮށްލެވޭ ކާމިޔާބު ވިޔަފާރިއަކަށެވެ.