ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ ”ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން“، މި މައުލޫ އެވެ.
ހުކުރު ހުތުބާއި ބުނި ގޮތުގައި މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި، ފައިސާއާއި، ޖާހާއި މަންސަބާއި މަޝްހޫރުކަން ލިބިގެންކަމަށެވެ. އަދި ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަން ކުރުމާއި ޙައްދުތައް ޤާއިމުކުރުންކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ނަމަވެސް ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފްސުގެ ހަމަޖެހުންކަމަށާއި އެކަން ޙާޞިލްކުރެވޭނީ ﷲ ހަނދުމަކުރުމުންނާއި ﷲއަށް ކިޔަމަންތެރިވުމުންކަމަށް ޚުޠުބާގައި ބުނެދީފައިވެ އެވެ.
ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މާތްﷲ އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށްޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށެވެ. އަދި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެއް ކަމަށާއި އެ ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށެވެ.
ހުތުބާއި ބުނި ގޮތުގައި ޞާލިހު އަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ދެއްވާނެކަމަށް، މާތްﷲ ވައުދުވެވޮޑިގެންފައިވާ ކަމަށެވެ. ނަމަވެސް އިސްލާމްދީނާ ދުރުވެ، މާތްﷲ ގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށް ޚުތުބާގައި ބުންޏެވެ.
