މާތްވެގެންވާ މައްކާގެ ހަރަމްފުޅާ އިންވެގެން، ހައްޖާޖީންނަށް އަމާޒުކޮށްގެން ބޮޑެތި ބިނާތަކެއް ހެދުމުގެ މަޝްރޫޢެއް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.
މަސްޖިދުލް ހަރާމްގެ ވަށައިގެން 12 މިލިއަން އަކަމީޓަރުގެ ބިމުގައި ތަރައްޤީކުރެވޭ މި މަޝްރޫޢަކީ މައްކާ އަދި އޭގެ މައި ސަރަހައްދު ތަރައްޤީކުރާނެ މަޝްރޫޢެކެވެ. ކިންގް ސަލްމާން ގޭޓްގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގާތްގަނޑަކަށް 900،000 މީހުންނަށް އެތެރޭގައާއި ބޭރުގައި ނަމާދުކުރެވޭނެ ޖާގަ ލިބިގެންދާނެ އެވެ. މީގެ އިތުރުން މި ސަރަހައްދުގައި ދިރިއުޅުމާއި، މެހެމާންދާރީއާއި، ވިޔަފާރިއާއި އަދި ޘަޤާފީ ތަޖުރިބާތައް ފޯރުކޮށްދެވޭނެ ވަސީލަތްތައް ޤާއިމްކުރެވިގެންދާނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްޖިދުލް ހަރަމަށް ވަދެނިކުތުން ފަސޭހަވެ، ޚިދުމަތުގެ ފެންވަރު މަތިވެ، އަދި ހައްޖު އަދާކުރާ ފަރާތްތަކުގެ ތަޖުރިބާ ރަނގަޅުވެގެންދާނެކަމަށް ސައުދީން ބުނެ އެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 19،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހުރި ތާރީޚީ ތަންތަން އާރާސްތުކޮށް ތަރައްޤީކުރެވިގެންދާނެ އެވެ.
ސައުދީ ވިޝަން 2030 ގެ ލަނޑުދަނޑިތަކާ އެއްގޮތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން 2036 ވަނަ އަހަރާ ހަމައަށް 300،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ އެވެ. މި މަޝްރޫޢު ތަރައްޤީކުރަނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ދަށުން އުފައްދާފައިވާ ރުއާ އަލްހަރަމް އަލްމައްކީ ކުންފުނިންނެވެ.
މި މަޝްރޫޢުގެ ތެރެއިން މައްކާގެ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ ގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ތާރީޚީ ކަންކަން ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމަށް މަސައްކަތްކުރެވޭނެ އެވެ.



