އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މިއަދު ދޫނިދޫގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި ޖުމްލަ 1587 ފުޅި ބަނގުރަލާއި 189 ދަޅު ބަނގުރާ ހިމެނެ އެވެ. މީގެ އިތުރުން ބަނގުރަލާ ގުޅުންހުރި އެހެނިހެން 33 އައިޓަމެއް ވެސް ވަނީ ނައްތާލައިފަ އެވެ. މި ތަކެތީގެ އަދަދު ބޮޑު ކަމަށް ފާހަގަކުރެވެ އެވެ.
މި ތަކެއްޗަކީ ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގައި، ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ދަށަށް ގެނެސްފައިވާ ބަނގުރާ މި ތަކެތީގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރާ ނައްތާލުމުގެ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޤަވާއިދުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން މި ތަކެތި ނައްތާލެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން އިތުރަށް މައުލޫމާތު ދެ އެވެ.
