ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ، ”ނަމާދަށް ފަރުވާތެރިވުން“ މި މައުލޫއަށެވެ.
ހުތުބާގައި ބުނެފައިވަނީ، މާތްﷲ އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވީ އަޅުކަމަކީ ނަމާދު ކަމަށެވެ.
ފިރިހެނަކަސް އަންހެނަކަސް، މުއްސަންޏަކަސް ފަޤީރަަކަސް، ދުޅަހެޔޮ ސިއްޙިތެއްގައި ހުރި މީހަކަސް ބަލިމީހަކަސް ނުވަތަ ރަށުގައި ޤާއިމްވެހުރި މީހަކަސް ދަތުރުވެރިޔަކަސް އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ނަމާދަކީ ދޫކޮށްނުލެވޭނެ ފަރުޟެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
”ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދުވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެނަމާދަށް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއްކަމުގައި އަދި ބުރުހާނެއްކަމުގައި ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.
ޝަރުޢީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކު ކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭކަމެެއްކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައިބުނެފައިވަނީ، އަހަރުމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުންގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އެބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭ ކަމަށެވެ. އަދި މިއީ އަހަރުމެން އެކަމާމެދު ނުހަނު ސަމާލުކަންދީ ރައްކާތެރިވާންޖެހޭ ކަމެއްކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެ އެވެ.
ނަމާދަކީ މުސްލިމުންނާއި، ކާފުރުންނާ ދެމެދުވާވާ ތަފާތުކަމަށާއި، އަދި އެއީ އެދެެމެދި ވަކުކުރާ އިންކަން ޚުތުބާގައި ބުނެފައިވެ އެވެ.