މީހުންގެ އަބުރުޖަތިލުމުން ދުރުވާްންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
ހުކުރު ޚުތުބާގެ މިއަދުގެ މައުޞޫއަކީ ”އަބުރު ހިމާޔަތްކުރުން“ އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވިދާޅުވީ މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ. މާތް ﷲ ވަނީ އިންސާނާ އެންމެހާ މަހްލޫގުންގެ މައްޗަށް މާތްކުރައްވައި ގަދަރު އުފުއްލަވައި ހުރުމަތްތެރި ބަޔަކު ކަމުގައި ލައްވާފައި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
”މާތް ނަބިއްޔާ އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ގުޅުވާލައްވާފައި ވަނީ ލެޔާއި މުދަލަށް. އެހެނީ ހައްގަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އެ މީހެއް މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ވެސް ހަރާމްކަމެއް. ހިތާމައާއެކު ދަންނަވަން ޖެހެނީ މިއަދުގެ މުޖްތަމައުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުންކަން. ތެދެއް ދޮގެއް ބެލުމެއް ނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް އެންމެ ފަހަރު ވެސް ވިސްނައިލުމެއް ނެތި.“ ހުތުބާގައި ބުނެފައިވެ އެވެ.
ޚުތުބާގައި ބުނީ، މިއަދު އަހަރުމެން ދިރިއުޅޭ މުޖްތަމައުއަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖްތަމައުވެ. ފޭސްބުކް، ޓްވިޓަރ، ވައިބަރ، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ މީޑިއާގެ ވަސީލައްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށް ވުރެއް ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެއްކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދޮގެއްވިއަސް، ތެދެެއްވިއަސް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއަރކުރުމާއި އެކަމަށް ހިތްވަރުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭކަމަށާއި މިކަމުގައި ހުރި ބިރުވެރިކަމާއި މެދު ވިސްނާލުން މުހިންމުކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނީ، މީހަކު އެހެންމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަންދާން ނައްތާލަން އަވަސްވިއަސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތަކެއް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނެ ވާހަކަަތަކެއް ކަމަށެވެ. ހުތުބާގައި ބުނީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާނަމަ އެ އެއްޗެއް ފެތުރޭހައި ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށެވެ.
އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި ހިމާޔަތްކޮށްދެއްވާފައިކަމަށާއި މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަޞީހަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތް ﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެ އެވެ.