ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯނަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ޓެލެތޯނަކީ އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާ، ”ޑިޓްވާ“ ތޫފާނާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ޓެލެތޯނުގައި މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 38،000 އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފަ އެވެ.
ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
- ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
- ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.
ލަންކާއަށް އެރި ތޫފާން ޑިޓްވާގެ ސަބަބުން އެތަށް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެތަށް ބަޔެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފަ އެވެ. ތޫފާނާ ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފަ އެވެ.
ވެމްކޯގެ އިތުރުން އެމްޓީސީސީންވެސް ވަނީ ލަންކާއަށް އެހީވުމަށްޓަކައި މި ޓެލެތޯނަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.
ރާއްޖެ - ލަންކާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސިލޯނާއެކު ދިވެހިން ސްރީލަންކާ ޕީއެސްއެމް
