ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތަށް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާ އެވެ. މިއީ 64 އިންސައްތަ އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 66 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއާޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ ވަނީ 3.5 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޓީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު 2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 75 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގަ އެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.


