މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކަށް 7.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
މިއީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރާ ޕްރޮގްރާމެކެވެ. މާލީ ވުޒާރާއިން އާން މި މައުލޫމާތުތައް ހާމަވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކުރި 7.2 ބިލިޔަން ރުފިޔާއަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި 10.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތަ ދަށް އަދަދެކެވެ. މާލީ ވުޒާރާއިން ބުނީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
ޕީއެސްއައިޕީގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މި ދާއިރާއަށް ޖުމްލަ 4.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން 3.2 ބިލިޔަން ރުފިޔާ ވަނީ އެއަރޕޯޓުތައް ތަރައްޤީ ކުރުމަށް ޚަރަދުކޮށްފަ އެވެ.
ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ދާއިރާތައް:
- ބިން ހިއްކުމަށް – 671 މިލިޔަން ރުފިޔާ
- ތިމާވެށި ޙިމާޔަތްކުރުން – 608 މިލިޔަން ރުފިޔާ
- ޞިއްޙީ ދާއިރާ – 432 މިލިޔަން ރުފިޔާ
- ފެނާއި ނަރުދަމާ – 313 މިލިޔަން ރުފިޔާ
- ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް – 183 މިލިޔަން ރުފިޔާ
- މަސްވެރިކަމާއި ދަނޑުވެރިކަން – 180 މިލިޔަން ރުފިޔާ
- އިޖްތިމާޢީ އަދި ދީނީ މަޝްރޫޢުތައް – 171 މިލިޔަން ރުފިޔާ
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.



