ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފެމިލީ ކޯޓުގައި ދައުވާ ކުރެއްވީ އެމްޑީޕީގެ އެއްވުމެއްގައި، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅޭގޮތުން ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ފެމިލީ ކޯޓުން ނޮވެމްބަރު 16 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މަންދީ އާއި އަހުމަދު ސަލީމް (މާޒް) ގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމަތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް މަނާނުކޮށް ހިތްވަރު ދީފައިވާތީ އެމްޑީޕީ އަދި ފައްޔާޒު އެކަމަށް ޒިންމާވާންޖެހޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީ އަދި ފައްޔާޒްގެ ކިބައިން ބަދަލު ހޯދުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިގެންވާ ކަމަށް ފެމިލީ ކޯޓުން ވަނީ ނިންމާފަ އެވެ.
އެމްޑީޕީ، ފައްޔާޒް އަދި މަންދީގެ ފަރާތުން ވަނީ ފެމިލީ ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި އިސްތިއުނާފު ބަލައިގަތުމާމެދު ހައިކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.
މި މައްސަލައިގައި މެޑަމް ސާޖިދާގެ ފަރާތުން ސިވިލް ކޯޓުގައިވެސް މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ދައުވާކޮށްފައިވެ އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމް ކޮށްފައިވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންގޮސްފައިވާ ކަމަށް ސާބިތުވާ ކަމަށެވެ. އަދި މަންދީގެ އަތުން ގެއްލުމުގެ ބަދަލު ހޯއްދެވުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށާއި، އެކަމަށް ވަކި ދައުވާއެއް ކުރެއްވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މި މައްސަލައިގައި އެމްޑީޕީ އާއި ފައްޔާޒު ޒިންމާވާންޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބެލުމަށްފަހު ކަމަށްވެސް ބުނެފައިވެ އެވެ.
ހައި ކޯޓު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެމްޑީޕީ ފައްޔާޒް އިސްމާއިލް ފެމިލީ ކޯޓް



