ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފި އެވެ.
މިގޮތަށް ނިންމާފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެ އެވެ.
އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާފުކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އެރި ޖޫރިމަނާ ކަމަށާއި އެ ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާ ކަމަށެވެ. މި ފައިސާ ވަނީ އެއްކޮށް މަޢާފްކޮށްދީފައި ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ހިޔާ ޓަވަރުގެ 2 ކޮޓަރީގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާ އެވެ. މީގެ އިތުރުން މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984 ރުފިޔާއެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުންކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ އިތުރު ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.
ޖޫރިމަނާ މަޢާފްކޮށްދިނުމަށް ނިންމާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 2 ލައްކަ ރުފިޔާ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވަނީ ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިޔާ ފްލެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން



