ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ސިންގަޕޫރުގައި މިއަދު މުހިންމު ސާޖަރީއެއް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މި އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިނިސްޓަރުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރު ޒަމީރު މިއަދު ކުރެއްވީ ކުރިއާލާ ރާވައިގެން ކުރަންޖެހޭ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް، އެއީ ކޮން ބާވަތެއްގެ އޮޕަރޭޝަނެއް ކަމެއް ނުވަތަ ކީއްވެ ކުރި އޮޕަރޭޝަނެއް ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އޮޕަރޭޝަނަށް ފަހު މިނިސްޓަރުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އަންނަ ހަފުތާގައި އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވެސް ސިއްހީ ފަރުވާ ހޯއްދަވާފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު، ޖުލައި 2016 ގައި އޭނާ ވަނީ އެންޖީއޯޕްލާސްޓީއެއް ވެސް ހައްދަވާފަ އެވެ.



