ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މަރުވެފައި އޮތް މީހާގެ ހަށިގަނޑު ވަނީ ކަނޑުން ނަގައިފަ އެވެ. އަދި އޭނާގެ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ލިބޭ ވަރަކުން މީޑިއާތަކާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.



