އިނގިރޭސި ލީގު ކަޕުގައި ރޭ 2-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް، މެންޗެސްޓާ ސިޓީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިޓީއިން 2021 ވަނަ އަހަރު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރި ފަހުން އެ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެއް ނުވެއެވެ. ރޭގެ މޮޅާއެކު އެ ޓީމު ސެމީގައި ވާދަކުރަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑާއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު ބްރެންޓްފޯޑުން ފެށީ ވަރުގަދަކޮށެވެ. ނަމަވެސް، މެޗުގެ 32 ވަނަ މިނެޓުގައި ރަޔަން ޗާކީ ވަނީ ލަނޑެއް ޖަހައި ސިޓީއަށް ކުރިހޯދަދީފައެވެ. ޗާކީ ފޮނުވާލި ބާރު ހަމަލާ، ބްރެންޓްފޯޑުގެ ކީޕަރަށް ދިފާއުކުރެވޭ ގޮތެއް ނުވިއެވެ.
ސިޓީއިން ލަނޑު ޖެހުމުގެ ކުރިން އޭރިއާ ރޮނގު ކައިރިން ބްރެންޓްފޯޑްގެ ކެވިން ޝޭޑަށް ސިޓީގެ ކުޅުންތެރިޔަކު ފައުލް ކުރުމުން ބްރެންޓްފޯޑުން ވަނީ ޕެނަލްޓީއެއް ކަމަށް ބުނެ އެޕީލް ކޮށްފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމެއް ނެތި، ރެފްރީ ވަނީ އޭރިއާ ބޭރުން ކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގައި ސިޓީގެ ނިކޯ އޯ’ރެއިލީގެ ހަމަލާ ބްރެންޓްފޯޑުގެ ކީޕަރު ދިފާއުކުރިއިރު، ސިޓީގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ކްރިސްޓޮފާ ޑަޔާގެ ހަމަލާ ހުއްޓުވާފައެވެ.
ސިޓީއިން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ސަވީނިއޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.
ނިއުކާސަލް ޔުނައިޓެޑުން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކުރުމަށްފަހުއެވެ.



