މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ދެ އަހަރުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް ޓީމްގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ދެ އަހަރު އެންމެ އިސްކަމެއްދިން އެއް ކަމަކީ ރާއްޖެ އެތެރެކުރާ ހުއްޓުވުން ކަމަށެވެ.
އެގޮތުން ދެ އަހަރުގެ ތެރޭގައި 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 2.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވި އެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މި އަހަރުގެ މިހާތަނަށް 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަތަކުުގައި 951 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސީޕީ ނަވީން ވިދާޅުވީ މިއަހަރުގެ ތެރޭގައި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް 180 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މިފަހުން ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފަ އެވެ. އޮޕަރޭޝަން ”އަލިމަގު“ ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިއިރު، 110 މީހުން ހައްޔަރުކޮށް، 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް



