ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް 80 ވަރަކަށް އިންސައްތަ މަދުކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ޙަސަން ޒަރީރު ވިދާޅުވީ ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ކަރެކްޝަންސް އިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ. މިފަދަ ކޯލްތައް ހުއްޓުވުމަށްޓަކައި ވަރަށް ފަހުން ވަނީ، ޖަލުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް ނިޒާމެއް ގާއިމުކޮށްފަ އެވެ.
ޒަރީރު ވިދާޅުވީ، ޖަލުތަކުގައި ޒަމާނީ ސެކިއުރިޓީ ވަސީލަތްތައް ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެ ގޮތުން، މިހާރު ޖަލުތަކުގައި ހުރީ ސެކިއުރިޓީ ކަންކަމަށް ވަރަށް އާދައިގެ ޑިޓެކްޓާތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރިކަން ޒަރީރު ފާހަގަކުރެއްވި އެވެ.
މިފަދަ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ޖަލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސެންޓްރަލް ކޮމާންޑެއް އުފައްދައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ފުލުހުންނާ ގުޅިގެން ސްކޭމް މަދުކުރަން މިހާތަނަށް ޖަލުތަކުގައި ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޖަލުތަކުން ކުރާ ސްކޭމް ކޯލުތައް ހުއްޓުވުމަށް ޖޭމަރު ހަރު ކުރުމުގައި ދަތިތަކެއް ހުރުމުން ބޮޑީ ސްކޭނާއެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް މީގެ ދުވަސްކޮޅެއް ކުރިން ދެކެވުނު ވާހަކައާ ގުޅިގެން ޒަރީރު ވަނީ ބޮޑީ ސްކޭނިން މެޝިނެއް ރާއްޖެ ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް އެ މެޝިން ބަހައްޓަނީ ކޮން ޖަލެއްގައިކަމެއް ޒަރީރު ހާމައެއް ނުކުރައްވަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް



