ރާއްޖޭގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު، ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓްޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާގޮތުން މި މަސައްކަތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ކަމެކެވެ. މި މާސްޓާޕްލޭންގެ މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް އެކުލަވާލުމެވެ.
މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ވެރިކަންކުރާ ރަށް ކަމަށްވާ މާލެއާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން، މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އެންމެހައި މައުލޫމާތު ހިމަނައިގެން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ޓީއޯއާރް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިއުލާންގައިވާ ގޮތުން ކޮންސަލްޓަންޓެއް ހޮވުމުގައި ޢަމަލުކުރާނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސެލެކްޝަން މެތަޑާ އެއްގޮތަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ އެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތަށް ގާބިލުކަން އަންގައިދޭ ފަންނީ މަސައްކަތްތަކުގެ ތަފްސީލުތަކާއި އަގު ހިމަނައިގެން ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރަސްމާލެ މަޝްރޫޢަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ ރަސްމާލެ 100 އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އީކޯ ސިޓީއަކަށް ހެދުމެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މޫސުމީ އެޑެޕްޓޭޝަން މަޝްރޫޢު ކަމަށް ސަރުކާރުން ބުނެ އެވެ.
މިހާތަނަށް އެޗްޑީސީން ވަނީ ރަސްމާލެއިން 215 ހެކްޓަރުގެ ބިމެއް ހިއްކާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. ރަސްމާލެ ހިއްކައި ނިމޭއިރު ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބިމަށްވުރެ ދެ ގުނައަށްވުރެވެސް ބޮޑު ބިމެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ރޭވިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 15,000 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން 7,500 ފްލެޓު ވެސް ގާއިމްކުރާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރަސްމާލެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ފިނޭންސް



