އެފްއޭއެމްއިން ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ އެކައުންޓަށް ޖަމާނުވާކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒު ވިދާޅުވެއްޖެ އެވެ.
ޖަވާޒު މިފަދައިން ވިދާޅުވެފައިވަނީ ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުންނެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ 9 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ، ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގަ އެވެ.
މި މައްސަލައިގައި ހެކިބަސް މިހާރު ނަގަމުންދާއިރު މިއަދުގެ އަޑުއެހުމެއްގައި ހެކިބަސް ދެއްވާފައިވަނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒު އެވެ. އެގޮތުން ހެކިބަސް ދެމުން ޖަވާޒު ވިދާޅުވީ އެފްއޭއެމްއަށް 1 މިލިއަން ޑޮލަރު ފީފާއިން ދީފައިވަނީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި ކްލަބްތަކަށް މާލީ އެހީ ދިނުމަށް ކަމަށެވެ. އަދި އެ ފައިސާ ކްލަބްތަކަށް ދޫކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި ކަމަށް ޖަވާޒް ހެކިބަސް ދީފައިވެ އެވެ.
ޑޮލަރު މާރުކުރުމަށްފަހު ފައިސާ ކޭޝްކޮށް ލިބިފައިވާ ކަމަށް ބައްސާމްވެސް އަދި މުހައްމަދު އަގީލްވެސް ވިދާޅުވި ކަމަށް ޖަވާޒް ވިދާޅުވި އެވެ. އެ ފައިސާ ކޭޝްކޮށް ލިބުނު ކަމަށް ބައްސާމް ބުނިނަމަވެސް އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރިންތޯ އެހުމުން އެ ފައިސާ އެކައުންޓަށް ނުވަންނަ ކަމަށް ބައްސާމް އަދި އަގީލް ވިދާޅުވި ކަމަށް ޖަވާޒް ހެކިބަސްދީފައިވެ އެވެ.
ޖަވާޒް ވިދާޅުވީ އޭގެ ދުވަސްކޮޅެއް ފަހުން އޭނާ އެފްއޭއެމްއިން އިސްތިއުފާދިން ކަމަށެވެ.
މީގެއިތުރުން ހެކިބަސް ދެމުން ޖަވާޒު ބުނެފައިވަނީ އެފްއޭއެމްއިން ޑޯލަރުގެ މުއާމަލާތް ކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދެންވެސް ކުރަންޖެހޭ އިދާރީ ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ. ޑޮލަރު މާރުކޮށްގެން ކޭޝްކޮށް ދިވެހި ރުފިޔާ ލިބޭނަމަ އާންމުކޮށް ފައިސާ ލިބޭ ދުވަހު އެފްއޭއެމްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރާ ކަމަށްވެސް ޖަވާޒް ހެކިބަސްދީފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ބައްސާމްގެ އިތުރުން ހަސަން ވަހީދު / މ. ހިރިނައިދޫ، މުހައްމަދު އަގީލް ފެހިކުރި / ގއ. ގެމަނަފުށި އަދި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށެވެ. ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ދެންތިބި ފަރާތްތަކުގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ އެޕާޓްމަންޓް ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ 25,000,000 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ދައްކާފައިވާ ކަމަށެވެ.



