އޮސްޓްރޭލިއާގެ ބީޗެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 12 މީހަކު މަރާލައިފި އެވެ.
މިއަދު އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗެއްގައި ބަޑީގެ ހަމަލާތައް ދީފައިވަނީ ޔަހޫދީން އެމީހުންގެ އީދު ދުވަހެއް ފާހަގަކުރަމުންދަނިކޮށެވެ.
ދެ މީހަކު ދިން ބަޑީގެ މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 12 އަށް އަރާފައިވާއިރު 25 އަަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް މި ހަމަލާ ސިފަކުރައްވާފައިވަނީ ހާސްކުރުވަނިވި ހަމަލާއެއްގެ ގޮތުގަ އެވެ. އަދި އަވަސް އެހީ ފޯރުކޮށްދޭ ފަރާތްތަކުން އެ ސަރަހައްދުގައި ޒަހަމުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ކުރިކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގެ ފުލުހުން ބުނެފައިވަނީ، ބަޑީގެ ހަމަލާދިން އިރު، ޔަހޫދީން އެމީހުންގެ އީދު ދުވަހެއް ފާހަގަކުރުމަށް ބީޗުގައި ބޭއްވި ހަރަކާތުގައި 1000 އަށްވުރެ ގިނަ މީހުން ޖަމާވެފައިތިބި ކަމަށެވެ.
މި ބަޑީގެ ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު މަރާލާފައިވާ ކަމަށާއި އަނެއް މީހާއަށްވެސް ސީރިއަށް ޒަހަމުތަކެއް ވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އޮސްޓްރޭލިއާގެ ފުލުހުން މި ހަމަލާ ތަހުގީގު ކުރަމުން ގެންދަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.
އޮސްޓްރޭލިއާގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން ބީޗް ހިމެނޭ ސަރަހައްދުގައި އޮތް ވެހިކަލްއެއްގައި ގޮވާތަކެތި ހަރުކޮށްފައި ހުރިކަމަށް ބެލެވުމުން އެ އުޅަނދުވެސް އަންނީ އިތުރަށް ބަލަމުންނެވެ.



