ދެ ފިހާރައެއްގެ ފުރާޅު ޓިނު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި މީހަކަށް 18 މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ އާދަމް ޝަރީފް، އއ.މަތިވެރި / އިރަމާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
މި ދައުވާތައް މީނާގެ މައްޗަށް ކޮށްފައިވަނީ، 9 އޭޕްރިލް 2021 ވަނަ ދުވަހުގެ 05:30 ހާއިރު އާބުރުޒުމަގުގައި ހުންނަ ”ވީފްރެޝް“ ފިހާރެއާއި އެއާ ޖެހިގެން ހުންނަ ”ސަޕިއަރ“ ފިހާރައިގެ ފުރާޅުގެ ޓިނު ކަފާލައި ސީލިންގް ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި މައްސަލައިގަ އެވެ. ފުލުހުންނަށް މީނާ ފެނިފައިވަނީ ޓިނު ހަލާކުކޮށްލައިގެން ފިހާރަތެރެއަށް ވަދެ ހުއްޓަ އެވެ.
މި ދެ ފިހާރައިން 3600 ރުފިޔާ އަދި ޑޮލަރު ތަކެއް ގެއްލުނުއިރު، ފުލުހުން މީނާ ބަލާފާސްކުރުމުގެ ތެރޭގައި މީނާ ލައިގެން ހުރި ސޯޓާއި ބަނޑާ ދޭތެރެއިން ބޮޑިއަކަށް ޖަހާފައިހުރި 2570 ރުފިޔާ އަދި 8 ޑޮލަރު ފެނިފައިވެ އެވެ.
މި މައްސަލައިގައި ކޮށްފައިވާ ދައުވާތަކަށް މީނާވަނީ އިންކާރުކޮށްފަ އެވެ. ދައުލަތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް ކޯޓުން ނިންމާފައިވަނީ މީނާގެ މައްޗަށް މި ތިން ދައުވާވެސް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު މީނާގެ މައްޗަށް ވަނީ 18 މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.



